ޖެރޫސަލަމާއި މަސްޖިދުލްއަޤްޞާގެ ހިމާޔަތުގައި ކުރަންޖެހޭ ހުރިހާ ކަމެއް ފަލަސްޠީނުގެ ސަރުކާރުން ކުރަމުން ގެންދާނެ ކަމަށާއި އިޒްރޭލުގެ ވެރިރަށް ކަނޑައެޅުމަކީ އެމެރިކާއިން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ރާއްޖެއަށް ފަލަސްޠީނުން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޑރ. އަންވަރު އަލް އާޣާ ވިދާޅުވެއްޖެއެވެ.
ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ޤަބޫލުކުރުމަށާއި ޓެލްއަވީވުގައި ހުރި އެމެރިކާ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރަން އެމެރިކާގެ ރައީސް ޓްރަމްޕް ނިންމި ނިންމުމާއިމެދު މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ސަފީރު މިއަދު ވިދާޅުވީ 1947 ވަނަ އަހަރުން ފެށިގެން ފަލަސްޠީނުން ވަނީ ވަރަށް ގިނަ އަދި ބޮޑެތި ދޫތަކެއް ދީފައި ކަމަށާއި ނަމަވެސް އެމެރިކާގެ މި ނިންމުމަކީ އެއްވެސް ވަރަކަށް ދޫ ދެވެން އޮތް ނިންމުމެއް ނޫން ކަމަށެވެ. އަދި އެއީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ނިންމުމެއް ވެސް ނޫން ކަމަށެވެ.
ސަފީރު ވިދާޅުވީ 2012 ވަނަ އަހަރު އދ ގެ 138 މެންބަރުންގެ ތާއީދާއެކު ވަނީ ފަލަސްޠީނު ބަލައިގެންފައި ކަމަށާއި އެހެންކަމަށްވާއިރު ފަލަސްޠީނުގެ ކަންކަމުގައި އަމިއްލައަށް ގޮތް ނިންމުމަކީ އެމެރިކާއަށްވެސް އަދި އެހެން ބައަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
ސަފީރު ވިދާޅުވީ އެމެރިކާގެ ނިންމުމާއި މުޅި ދުނިޔެ ދަނީ ދެކޮޅު ހަދަމުން ކަމަށާއި އެންމެންގެ ތާއީދުވެސް އޮތީ ފަލަސްޠީނަށް ކަމަށެވެ.
ފަލަސްޠީނުގެ ރައީސް މަހްމޫދު ޢައްބާސް ގެންދަވަނީ މިކަމުގައި އެޅެންހުރި ފިޔަވަޅުތަކާއިމެދު ދުނިޔޭގެ ލީޑަރުންނާއި މަޝްވަރާ ކުރައްވަމުން ކަމަށާއި އެމެރިކާއިން ގޮތް ދޫނުކުރާނަމަ ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓަށް ވެސް މައްސަލަ ހުށަހަޅާނެ ކަމަށެވެ.
"އެމެރިކާގެ ނިންމުމަކީ ވަރަށް ކުރިއާލައި ރާވައިގެން ނިންމި ނިންމުމެއް. އެއީ ވަރަށް ނުރައްކާތެރި ނިންމުމެއް. މަސްޖިދުލްއަޤްޞާ އަކީ އެމެރިކާ އާ އިޒްރޭލުން ބޭނުންވާހައި ގޮތަކަށް ދޫކޮށްލެވޭނެ ތަނެއް ނޫން. އެއީ ދުނިޔޭގެ ހުރިހާ މުސްލިމުންގެ ތަރިކައެއް." ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ފަލަސްޠީނާއިމެދު ދިވެހި ރައްޔިތުން ބާއްވާ ގާތްކަމާއި އަޚްވަންތަކަން ފާހަގަކުރައްވައި ސަފީރު ވަނީ ދިވެހިރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ޓްރަމްޕުގެ ބޯހަރު ނިންމުމާއި ގުޅިގެން ދިވެހި ރައްޔިތުން ގެންދަނީ ނުރުހުން ފައުލުކުރަމުންނެވެ. ސިޔާސީ ހުރިހާ ޕާޓީތަކުންވެސް ގެންދަނީ ފަލަސްޠީނަށް ތާއީދުކޮށް ބަޔާންތައް ނެރެމުންނެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ރާއްޖެއާ ދިވެހި ހުރިހާ ރައްޔިތުން މަސްޖިދުލްއަޤްޞާގެ ދިފާއުގައި ނުކުމަށް ގޮވާލައްވާފައެވެ.