ގއ. ކޮލަމާފުއްޓަށާއި ވިލިނގިއްޔަށް އައި ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ގއ. ކޮލަމާފުއްޓަށާއި ވިލިނގިއްޔަށް އައި ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ގއ. ކޮލަމާފުއްޓަށާއި ގއ. ވިލިނގިއްޔަށް އައި ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފިއެވެ.

މިތަކެތި ހޯދާފައިވަނީ މިޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ގއ. ކޮލަމާފުއްޓާއި ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައެވެ.
އެގޮތުން ގއ. ކޮލަމާފުށީގައި ދުއްވާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަނުގައި ވަނީ ފުލުހުންނަށް މަޢުލޫމާތު ލިބުނު ބޯޓު ކޮލަމާފުއްޓަށް އައުމުން ކޯޓު އަމުރެއްގެ ދަށުން އެބޯޓު ބަލައިފާސްކޮށްފައެވެ. ކޯޓު އަމުރުގެ ދަށުން އެބޯޓު ބަލައިފާސްކުރިއިރު އެބޯޓުން ކޮލަމާފުއްޓަށް ގެނައި މުދާ ފޮށިތަކެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ގިނަ ޢަދަދެއްްގެ ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވެއެވެ.

މީގެއިތުރުން ޑިސެމްބަރު 7 ވަނަ ދުވަހުރޭ ހިންގި ދެވަނަ އޮޕަރޭޝަނަކީ ގއ. ވިލިނގިއްޔަށް އަންނަ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ގއ. ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި އެބޯޓު ގއ. ވިލިނގިއްޔަށް އައުމުން ކޯޓު އަމުރެއްގެ ދަށުން އެބޯޓު ބަލައިފާސްކުރިއިރު ގއ. ވިލިނގިއްޔަށް ގެނައި މުދާ ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މިދެއޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން