ކޯސްޓަލް ރޯވިންގ ޗެމްޕިއަންޝިޕް 2017 ގައި ބައިވެރިވުމަށް ޗައިނާއަށް ދާ ރާއްޖޭގެ ޤައުމީ ރޯވިންގ ޓީމުގައި ތިން ފުލުހަކު ހިމެނިއްޖެއެވެ.
ރާއްޖޭގެ ޤައުމީ ރޯވިންގ ޓީމުގައި ހިމެނުނު ތިން ފުލުހުންނަކީ އައްޑޫ ސިޓީގައި މަސައްކަތްކުރާ ތިން ފުލުހުން ކަމަށްވާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޢަބްދުﷲ ޝަހީމް އާއި ޕޮލިސް ކޯޕްރަލް ޙަސަން ޝިޔާން އާއި ޕޮލިސް ކޯޕްރަލް ނައުޝާދު ރަފީޢުއެވެ.
ޤައުމީ ރޯވިންގ ޓީމުގައި 11 މެމްބަރަކު ހިމެނޭއިރު މި ޓީމުގައި ހިމެނެނު ތިން ފުލުހުންގެ ތެރެއިން ޕޮލިސް ކޯޕްރަލް ޙަސަން ޝިޔާންއަކީ ޓީމުގެ މެމްބަރެއްގެ އިތުރުން ޤައުމީ ރޯވިންގ ޓީމުގެ ކޯޗެވެ.
ޗައިނާގެ ޗެންޒެންގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޯސްޓަލް ރޯވިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޤައުމީ ރޯވިންގ ޓީމު ފުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ. ޗައިނާއަށްދާ ޤައުމީ ރޯވިންގ ޓީމަށް ކިޓް ހަވާލުކުރުމުގެ ރަސްމިއްޔާތު މިދިޔަ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގައި ވަނީ ބާއްވަފައެވެ. މިރަސްމިއްޔާތުގައި ރޯވިންގ އެސޯސިއޭޝަނުގެ އިސްވެރިންނާއި ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ބައިވެރިވެލެއްވިއެވެ.
ޕޮލިސް ޙަބަރު