ތިލަފުއްޓަށް ގެންދިޔަ 500 އަށްވުރެ ގިނަ ސައިކަލު ބާދަގަނޑުގެ ގޮތުގައި ވިއްކަނީ

ކިޔުމަށް ހޭދަވާނީ 1މ 2ސ
ތިލަފުއްޓަށް ގެންދިޔަ 500 އަށްވުރެ ގިނަ ސައިކަލު ބާދަގަނޑުގެ ގޮތުގައި ވިއްކަނީ
އިއްޔެ ތިލަފުއްޓަށް ގެންދެވުނު، ޓޯ ކޮށްފައިވާ 500 އަށް ވުރެ ގިނަ ސައިކަލު ނައްތާލައި، ބާ ދަގަނޑުގެ ގޮތުގައި ވިއްކަން ހަމަޖައްސާފައިވާ ކަމަށް ފުލުހުން ހާމަ ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ސައިކަލްތައް ނައްތާލުމަށް ބަޔަކާ މިހާރު ވަނީ ހަވާލު ކޮށްފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން ސައިކަލުތައް ރޫޅުމަށްފަހު އެސައިކަލުތަކުގެ ދަގަނޑުތައް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި ހަމަޖައްސާފައިވަނީ ދަގަނޑުތައް ބޭރަށް އެކްސްޕޯޓް ކުރުމަށް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އިއްޔެ ތިލަފުއްޓަށް ގެންގޮސްފައިވަނީ ގަވައިދާ ޚިލާފަށް ޕާކް ކޮށްގެން ޓޯ ކުރެވިފައިވާ 500 އަށްވުރެ ގިނަ ސައިކަލެވެ. ޓޯ ކުރުމަށްފަހު އެކަން އިއުލާންކޮށް 60 ދުވަސް ހަމަވުމުން ވެސް އެސައިކަލުތަކާއި ހަވާލުވާނެ ފަރާތެއް ނުވިކަމަށާއި އެއީ މިއަހަރު ތެރޭގައި ޓޯކޮށްފައިވާ ސައިކަލުތަކެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

ޓޯކުރާ ސައިކަލުތަކުގެ މައުލޫމާތު ފުލުހުން ފުރަތަމަ އާންމުކުރެއެވެ. އެއަށްފަހު 60 ދުވަސްވުމުން ވެސް ސައިކަލާ ހަވާލު ނުވެއްޖެނަމަ އެސައިކަލުތައް ނައްތާލުމުގެ މަސައްކަތް ފަށައެވެ. ތިލަފުއްޓަށް މިހާރު ގެންގޮސްފައިވާ ސައިކަލުތައް ވެސް ނައްތާލުމުގެ ކުރިން ލިޔުންތަކާއެކު ޓޯޔާޑަށް ގޮސްގެން ލިބޭނެ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.


މިއަދު އޮންލައިން