ހއ. ބާރަށު ގެއަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގަހަނާތަކެއް ހޯދާ އުމުރުން 15 އަހަރުގެ ކުދަ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެކުއްޖާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ބާރަށު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ވައްކަމުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އެރޭ 19:00 ހާއިރު އެރަށު މަގުމަތިންނެވެ.
ވަގަށް ނަގާފައިވާ ގަހަނާތައް ހޯދާފައިވަނީ، އެމައްސަލައާއި ގުޅިގެން ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުން އެރަށުގެ ފަޅު ގޯއްޗެއް ބަލައިފާސެކޮށެވެ.
އެގެ ބަލައިފާސްކުރިއިރު އެގޭގެ ވަށާފާރުގެ އެޅިގަލެއްގައި ފޮރުވަފައި ވަނިކޮށް ބައެއް ތަކެތި ފުލުހުން ހޯދާފައިވެއެވެ. އޭގެ އިތުރުން މިމައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުޑަ ކުއްޖާ ބަލައި ފާސްކުރިއިރު އެކުއްޖާގެ އަތުން ވެސް ބައެއް ތަކެތި ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ހޯދާފައިވާ ބައެއް ތަކެތީގެ ތެރޭގައި ހިމެނެނީ ދެ ރަން ފަށާއި، ދެ ރިހި ކެވެއްޔާއި ރަން ކެވެއްޔަކާއި، ދެ ފަށު ފުލުގެ އިތުރުން ހަތަރު ކަންފަތުލާ މުންޖެކެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައިވާ ކުއްޖާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މިމައްސަލަ ހއ. ބާރަށު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.