ރާއްޖެއަކީ ފުލުހުންނަށް ސްކޫލްތައް ބަލަހައްޓަންޖެހޭ ވަރަށްވުރެ މާ އަމާން ޤައުމެއް ކަމަށް ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިއަދު ވިދާޅުވީ އެހެންކަމާއިއެކުވެސް ސްކޫލްތަކުގެ ސަރަހައްދު ބެލެހެއްޓުމަށް އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި ނަމަވެސް ފުލުހުން ސަރަހައްދުތަކުގައި އަބަދު ނުތިބޭނެ ކަމަށެވެ.
ޝިފާން ވިދާޅުވީ ސްކޫލްތައް ނިމޭ ވަގުތުތަކުގައާއި ފަށާ ވަގުތުތަކުގައި އަބަދުވެސް ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ. އަދި އެވަގުތު ތަކުގައި ފުލުހުން ޙަރަކާތްތެރިވަނީ ހަމައެކަނި ޓްރެފިކް ބަލަހައްޓަން ނޫން ކަމަށެވެ.
ޝިފާން ވިދާޅުވީ ތާޖުއްދީން ސްކޫލްގައާއި ލިލީމަގުގައި ހިންގި ދެ ހާދިސާއަކީ އެއްވެސް ގުޅުމެއް ހުރި ދެ ހާދިސާއެއް ނޫން ކަމަށެވެ. އަދި އެ ދެ ހާދިސާ އާއި ގުޅިގެން އިތުރު ހާދިސާއެއް ހިންގައިފާނެ ކަމުގެ ބިރެއްވެސް ނެތް ކަމަށެވެ.
ޝިފާން ވިދާޅުވީ ދެ ހާދިސާ ހިނގާފައިވަނީ ސްކޫލްތަކުގެ ވެށީގައި ހުރި މައްސަލައަކުން ނޫން ކަމަށާއި ސްކޫލްތަކުގެ ވެށި އޮތީ ވަރަށް ސާފުކޮށް އަދި އަމާންކޮށް ކަމަށެވެ. ޓީޗަރުންނަށާއި ދަރިވަރުންނަށް އެއްވެސް ބިރުވެރިކަމެއް ސްކޫލްތަކުގެ ވެށީގައި ނެތް ކަމަށެވެ.