ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ވޭތުވެދިޔަ ދިހަ ދުވަސް ތެރޭގައި، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ ދިހަ ދުވަސް ތެރޭގައި މަކަރާއި ހީލަތުން ރީލޯޑްއާއި ރާސްޓަސްގެ ގޮތުގައި 26،600 އަށްުވުރެ ގިނަ ރުފިޔާ، އަދި އެކައުންޓް ޓްރާންސްފާގެ ގޮތުގައި 90،625 ރުފިޔާ މީހުންގެ އަތުގައި ނަގާފައިވެއެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމަށް އުޅޭ މައްސަލަތައް ބަލާއިރު، މީހުންގެ ފޯނަށް ގުޅައި ކުއިޒެއްގައި ބައިވެރިވެފައިވާކަމަށް ބުނެ ތަފާތު ސުވާލުތައް ކުރިމަތި ކުރުވައި އިތުރަށް ކުރިއަށް ގެންދިޔުމަށް ކޮންމެވެސް ނަމްބަރަކަށް ރީލޯޑް ނުވަތަ ރާސްޓަސް ފޮނުވަންޖެހޭކަމަށް ނުވަތަ ކޮންމެވެސް އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދިފައިވާކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް މަދުކުރުމަށްޓަކައި އާންމު ރައްޔިތުުން މި ކަންތައްތަކަށް ސަމާލުވެ ތިބުމަށް ފުލުހުން އެދިފައިވެއެވެ. އަދި އެއްވެސް ކުންފުންޏަކުން ޕްރޮމޯޝަނެއްގައި ރީލޯޑްކޮށް، ރާސްޓަސްކޮށް، ވަކި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް، އަދި ކޭޝްކާޑުގެ މުހިންމު މައުލޫމާތުތައް ހިއްސާކުރުމަށް ނޭދޭނެކަން ހަނދާނުގައި ބެހެއްޓުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.