ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދަށް ނިޞްބަތްވާ ދަބަހަކުން 215،000 ޑޮލަރާއި 150،000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝިފާން މިރޭ ވިދާޅުވީ މި މައްސަލައިގެ ތަހްޤީޤަށް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީީދު އާއި ފަނޑިޔާރު ޢަލީ ޙަމީދު އާއި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ޙަސަން ސަޢީދު ބަނދުކޮށްފައިވާއިރު އެމީހުންގެ މައްޗަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެން އަލީ ހަމީދު ފްލެޓެއް ގަނެފައިވާ ކަމުގެ ހެކި ވެސް ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ތަހްޤީޤަށް އިބްރާހީމް ސިޔާދު ޤާސިމް އާއި ފާޠިމަތު ނާސިޔާ (ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން) އާއި އަހްމަދު ފާރިޝް މައުމޫން އާއި ޢަބްދުﷲ ޝިނާން ހައްޔަރުކޮށްފައިވާ ކަމަށާއި އިލްހާމް އަޙްމަދު ހޯދަމުންދާ ކަމަށެވެ.
ޝިފާން ވިދާޅުވީ ބަންދުކޮށްފައިވާ ޙަސަން ސަޢީދު ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވާފައިވާ ކަމާއި ރިޝްވަތުގެ ފައިސާ ދިން ކަމާއި އަދި ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާ ބޭނުންކޮށްގެން އަމިއްލަ މަންފާ ހޯދާފައިވާ ކަމުގެ ހެކި މިހާރު ލިބިފައިވާ ކަމަށެވެ.
މ. އެންދެރިމާގެއިން ސިއްރުން ނެރެގެން ގެންދިއަ ކަޅު ފޮށްޓެއްގެ ތެރެއިން ވެސް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ ޑޮކިޔުމަންޓްތަކެއް ފެނިފައިވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ރާއްޖޭގެ ބޮޑު ކުންފުންޏަކުން ޢަލީ ޙަމީދުގެ ޢާއިލާއަށް 2.4 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާ ކަމަށާއި އެކަން ތަޙްޤިޤްކުރަމުން އަންނަ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.