މިއީ މިރޭ 21:30 ގައި، އިސްކަންދަރު ކޮށީގައި ފުލުހުން ބެއްވި ނޫސް ކޮންފެރެންސްގައި، އެބޭފުޅުން ހާމަކޮށްފައިވާ ބަޔާނެވެ.
ފުލުހުންގެ ނޫސް ކޮންފެރެންސްގައި ވާހަކަ ދައްކަވާފައިވަނީ ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން އެވެ.
"އަޅުގަނޑުމެން މިތަޙުގީގު ކުރަމުންދާ މައްސަލައަކީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ޤާނޫނާ ޚިލާފަސް ވައްޓާލަން ބަޔަކު ކުރި މަސައްކަތްތަކެއް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް. މިމައްސަލާގައި ހައްޔަރު ކުރެވިފައިވާ މީހުންގެ ތެރޭގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް، އަލްއުސްތާޛް އަބްދުﷲ ސައީދު، އަލްއުސްތާޛް އަލީ ހަމީދު އަދި ޙަސަން ސައީދު ޙުސެއިން.
މީގެ އިތުރަށް އަޅުގަނޑުމެން މިމައްސަލައިގެ ތަހުގީގަށް އިތުރު ހަތަރު ފަރާތެއް މިހާރު އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިވާކަން ޔަގީން ކޮށްދެން. އެއީ އިބްރާހިމް ސިޔާދު ޤާސިމް މ. މާފަންނުވިލާ، ފާތިމަތު ނާސިރާ ކާމިނީގެ ސ. ހުޅުދޫ، އަޙުމަދު ފާރިސް މައުމޫން މއ. ކިނބިގަސްދޮށުގެ، އަބްދުﷲ ސިނާން.
މީގެ އިތުރުން މިމައްސަލައާއި ގުޅުން ހުރި ބައެއް މައްސަލަތަކުގެ ތަހުގީގަށް ގއ. ގެމަނަފުށި އޯކިޑްމާގެ އަހުމަދު އިލްހާމް ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުން.
މިމައްސަލައިގެ ތަހުގީގަށް މިހާތަނަށް ސުވާލު ކުރެވުނު މީހުންގެ އަދަދަކީ 30. މިމައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ހެއްކާއި ގަރީނާ ހޯދުމަށްޓަކައި، އަޅުގަނޑުމެން 15 ތަނެއް ބަލާފާސް ކޮށްފައިވާނެ.
މީގެ އިތުރުން ހަސަން ސައީދު ހުސެއިންގެ މައްޗަށް އަޅުގަނޑު މީގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސްގައި ހާމަކުރި ތުހުމަތު ތަކުގެ މައްޗަށް ހެއްކާއި ގަރީނާ ލިބިފައިވާކަމުގެ ޔަގީންކަން އަރުވަން.
މީގެ އިތުރުން އަލްއުސްތާޛް އަލީ ހަމީދު މުޙައްމަދު އަށް ނިސްބަތްވާ ދަބަހަކުން ދެ ލައްކަ ފަނަރަ ހާސް ޔޫއެސް ޑޮލަރާއި އެއް ލައްކަ 50،000 ދިވެހި ރުފިޔާ ފެނިފައިވާކަމުގެ ޔަގީންކަން އަރުވަން. އަދި އަލްއުސްތާޛް އަލީ ހަމީދުގެ އާއިލާއަށް ތަފާތު އެކި ގޮތްގޮތުން މއ. ކިނބިގަސްދޮށުގޭ، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް، އެހީތެރިވެދެއްވާފައިވާކަން އަޅުގަނޑުމެންނަށް ތަފާތު ގޮތްގޮތުން ޔަގީން ކުރެވެމުން އެބަދޭ. މިކަންކަން ފުލުހުން ދަނީ ވަރަށް ގާތުން ވަރަށް ފުޅާ ދާއިރާއެއްގައި ބަލަމުން.
އަލްއުސްތާޛް އަލީ ހަމީދު މުހައްމަދު ގެ އާއިލާއަށް ދިވެހި ރާއްޖޭގެ ވިޔަފާރި ކުރަމުންދާ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރު އެހީއެއްގެ ގޮތުގައި، ލޯނެއްގެ ސިފައިގާ ދީފައިވާކަން އަޅުގަނޑުމެން ޔަގީންކޮށް އަރުވަން.
އަދި މިމައްސަލައިގެ ތަހުގީގަށް މައުލޫމާތު ހޯދަމުން ދިޔައިރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު، މ. އެންދެރިމާގެ އިން ސިއްރުން ބަޔަކު ނެރިގެން ގެންދިޔަ ކަޅު ފޮށްޓެއް، އަޅުގަނޑުމެން އޭތި ހޯދާ ބެލިއިރުގައި މިމައްސަލައިގެ، ޚާއްސަކޮށް ފަނޑިޔާރުންނަށް ކަނޑައެޅިގެން ނުފޫޒު ފޯރުވުމުގެ ނިޔަތުގައި އަޙުމަދު ފާރިސް މައުމޫން މަސައްކަތް ކޮށްފައިވާކަމުގެ ޑޮކިއުމެންޓް އެވިޑެންސް ލިބިފައިވޭ. އަދި މިކަޅު ފޮށި ފެނިފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރަމުން ގެންދިޔަ، މިވަގުތު އަޅުގަނޑުމެންގެ ހައްޔަރުގައި ހުރި ނަޖުމާ ގެ ގެއިންކަން އަޅުގަނޑުމެން ފާހަގަ ކޮށްލަން.
އަޅުގަނޑުމެން މިމައްސަލައިގަ އިތުރަށް ބަލަމުންދާ ދިޔުމުގައި އަޅުގަނޑުމެންނަށް ޔަގީން ކުރެވެނީ މިމައްސަލައިގަ ހިމެނޭ ފަރާތްތަކުން ރާއްޖެއިންނާއޮ ރާއްޖެއިން ބޭރުންވެސް ފްލެޓު/އެޕާޓްމަންޓް ފަދަ ތަކެތި ގަނެ، މިކަންކަމުގެ ތެރޭގައި ގުޅިފައިވާކަމުގެ ޑޮކިއުމެންޓް އެވިޑެންސް އަޅުގަނޑުމެންނަށް ޔަގީންކަމާއިއެކު ލިބިފައިވޭ.
މިމައްސަލައިގެ ޒާތު އަޅުގަނޑުމެން ހުރިހާ މީޑިއާތަކުގައި އަދި ސޯޝަލް މީޑިއާގައި އެކްޓިވްކޮށް އުޅުއްވާ ބޭފުޅުންނާ އަދި ޝުއޫރުފާޅު ކުރާ ފަރާތްތަކަށް އިލްތިމާސް ކުރަން މިކަމާ ގުޅޭގޮތުން މައުލޫމާތު އެކި ސިފަ ސިފައިގަ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި، އަދި ތަހުގީގަށް ހުރަސް އެޅޭނެ އެއްވެސް ގޮތަކަށް ހިއްސާ ނުކުރުމަށް.
އަދި މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް އެއްވެސް ރައްޔިތެއްގެ ފަރާތުން ލިބިފައިވާނަމަ، މިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ވީއެންމެ އަވަހަކަށް އަޅުގަނޑުމެންނާއި ހިއްސާ ކުރެއްވުމަށް އެދެން.
އަދިވެސް މިމައްސަލައިގާ ފުލުހުން އެނގެން ބޭނުންވާ އަދި ތަހުގީގަށް ސާފުކޮށް އެނގެން ބޭނުންވާ ކަންކަން ހުރުމާއެކު، މިއިން އެއްވެސް ފަރާތެއް، އެއްޗެއް ނުވަތަ މުދަލެއް ފޮރުވުމުގެ ނިޔަތުގައި ހަވާލު ކޮށްފައިވާނަމަ އަވަހަށް އެކަން ފުލުހުންނަށް އެންގުމަށް ގޮވާލަން."