ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވީނަމަވެސް އެއްވުންތައް ބޭއްވުމުގެ ފުރުޞަތު ދެމުން ގެންދާ ކަމަށާއި ނަމަވެސް އެއްވެ ހަމަ ނުޖެހުން ހިންގުމުގެ ފުރުޞަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ދާދި ދެންމެ ފުލުހުންގެ ތަރުޖަމާން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޝިފާން ވިދާޅުވީ މިމަހުގެ 16 ވާ ހުކުރު ދުވަހު ރަށްރަށުން މީހުން ގެނެސްގެން މާލޭގައި ބާއްވަން އުޅޭ އެއްވުމަކީ ހަމަނުޖެހުން ހިންގަން ބާއްވަން އުޅޭ އެއްވުމެއް ކަމަށް ޕޮލިސް އިންޓެލިހެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ އެއްވުމަކަށް ގޮވާލާ ފަރާތްތަކާއިމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. ޤައުމުގައި ހަލަބޮލިކަން އުފެއްދުމަށް ކުރާ ކޮންމެ ކަމެއް ހުއްޓުވާނެ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވަނީ ޤައުމުގެ ހަމާންކަމަށް ފުލުހުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އެއްވުން ބާއްވަނީ ސްޕްރީމް ކޯޓުގެ ޙުކުމް ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލުމަށް ކަމަށާއި އެއީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ޤާނޫނީ ހައްޤެއް ކަމަށެވެ. އަދި އެއްވުން ކުރިއަށް ގެންދާނީ ޤާނޫނު އަސާސީ އާއި އެއްގޮތަށް ކަމަށާއި ޤާނޫނާއި ޚިލާފް އެއްވެސް އަމަލެއް ނުކުރާނެ ކަމަށެވެ. އެއްވެސް ހަމަނުޖެހުމަކަށް ގޮވައިނުލާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ މިމަހުގެ 1 ވަނަ ދުވަހުގެރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އުފާ ފައުޅުކުރަން އެއްވުމުން ފުލުހުން އަމަލުކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބާއްވާ އެއްވުންތަކަށް ފުލުހުން ގެންދަނީ އެއްބާރުލުން ދެމުން ކަމަށެވެ.
ފުލުހުންނާއި އެމްއެންޑީއެފްގެ ބަޔާނުގެ އަޑު: