ޓްވީޓެއްގެ މައްސަލައެއްގައި މަހުލޫފު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ޓްވީޓެއްގެ މައްސަލައެއްގައި މަހުލޫފު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގެ މައްސަލައެއްގައި އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ފުލުހުން މަހުލޫފަށް ޗިޓު ފޮނުވައިފިއެވެ.

ފުލުހުންގެ އިންސްޕެކްޓާ އިސްމާއިލް ނަދީމް ސޮއިކުރައްވައި މަހުލޫފަށް ފޮނުއްވި ޗިޓުގައިވާ ގޮތުން، ފުލުސް އޮފީހަށް ހާޒިރުވުމަށް މަހުލޫފަށް އަންގާފައިވަނީ މާދަމާ މެންދުރު ފަހު 15:00 ގައެވެ.

މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްވީޓެއް ކޮށްގެން ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ލިބިއްޖެކަމަށާއި ފުލުސް އޮފީހަށް ހާޒިރުވާނީ ވަރަށް ކެރިގެން ކަމަށެވެ. އަދި ހައްޔަރުކޮށްގެން ޖަލަށް ލިޔަސް ފަހަތަކަށް ނުޖެހޭނެކަމަށާއި އިރާދަކުރެއްވިއްޔާ (ރައީސް ޔާމީންގެ ސަރުކާރު) ހަމަ ބަލިކުރާނެކަމަށެވެ.

މަހުލޫފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްޠަފާ ވެސް ވަނީ ރާއްޖެ ޓީވީގައި ދެއްކެވި ވާހަކައަކާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފައެވެ.

އަދި ބައެއް ރައްޔިތުންގެ މަޖިލީހުން މެންބަރުން ވަނީ ރިޝްވަތުގެ ތުހުމަތުތަކަކާއި ސަރުކާރު ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫނާއި، މަންޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާންއާއި، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުއެވެ.


މިއަދު އޮންލައިން