މާދަމާގެ އެއްވުމަކީ ޞުލްޙެވެރި އެއްވުމަކަށް ނުވާނެ- ފުރުޞަތެއް ނުދޭނަން: ފުލުހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މާދަމާގެ އެއްވުމަކީ ޞުލްޙެވެރި އެއްވުމަކަށް ނުވާނެ- ފުރުޞަތެއް ނުދޭނަން: ފުލުހުން
އިދިކޮޅު ފަރާތްތަކުން މާދަމާ މާލޭގައި ބާއްވަން އުޅޭ އެއްވުމަކީ ޞުލްހެވެރި އެއްވުމަކަށް ނުވާނެ ކަމަށާއި އެ އެއްވުމަށް އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޝިފާން މިއަދު ވިދާޅުވީ މާދަމާ އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅޭ އެއްވުމަކީ ޤައުމުގައި ހަމަނުޖެހުން އުފައްދަން ކަންތައްތަކެއް ކުރުމަށާއި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ބާއްވަން އުޅޭ އެއްވުމެއް ކަމުގެ މައުލޫމާތު ޕޮލިސް އިންޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެން ހުއްޓުވާފައިވާ ޤާނޫނު އަސާސީގެ މާއްދާތަކުގެ ސަބަބުން އެއްވެ އުޅުން މަނާކުރެވިފައިވީ ނަމަވެސް މިހައިތަނަށްވެސް ފުލުހުން ގެންދަނީ ފުރުޞަތުތަކެއް ދެމުން ކަމަށެވެ. ނަމަވެސް މާދަމާގެ އެއްވުމަށް އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށެވެ.

ޝިފާން ވިދާޅުވީ މިހާރުވެސް އައްޑޫ ސިޓީގައި އަލިފާނުގެ 2 ހާދިސާއެއް ހިންގާފައިވާ ކަމަށާއި މާލޭގެ ކަރަންޓު ޑިސްޓްރިބިޔުޝަން ފޮށްޓެއްގައި ރޭ ރޯކޮށްލާފައިވާ ކަމަށާއި މިކަމާއި ގުޅިގެން 2 މީހަކު މިހާރު ވަނީ ބަންދުކުރެވިފައި ކަމަށެވެ. އެހެންކަމުން އެއްވެސް މީހަކު މާދަމާގެ އެއްވުމުގައި ބައިވެރިނުވުމަށް ވެސް ޝިފާން ވަނީ އެދިވަޑައިގެންފައެވެ.
މިއަދު އޮންލައިން