މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑްއިން އަންނަނީ މި މައްސަލަ ތަހުޤީޤުކުރަމުން ކަމަށެވެ. މި މައްސަލައާ ގުޅޭގޮތުން އިތުރުކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯއިން ފެނިގެންދަނީ އެސްއޯ ފުލުހުންގެ ބެލުމުގެ ދަށަށް ބަޔަކު ގެނެސް ފުލުހުންގެ ވެހިކަލަށް އެ ބަޔަކު އަރުވާފައި ތިއްބައި ކުލަ ހެދުމުގައި ތިބި ބަޔަކު އެ ވެހިކަލަށް އަރައި އަނިޔާކުރާ މަންޒަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރޭގެ މުޒާހަރާގެ ތެރެއިން ހިނގާފައިވާ ހާދިސާއެކެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯ ޝެއާކުރަމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ފުލުހުންގެ މުއައްސަސާއަށް ފާޑުކިޔައިފައެވެ. ގިނަ މީހުން ބުނިގޮތުގައި، ފުލުހުންގެ ތެރެއިން މަދު ބަޔަކު ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ފުލުހުންގެ މުއައްސަސާ އަންނަނީ ބަދުނާމުވަމުންކަމަށެވެ.