ފުލުހުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކެއްގެ ހެކިތަކެއް އެނިސްބަތްވާ ފަރާތްތަކަށް އަނބުރާ ދިނުމަށް އަމުރެއް ނެރެން، ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރުވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ އެއް ފަނޑިޔާރު އަލީ ހަމީދު މަސައްކަތް ކުރެއްވި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާނު، މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އަމިއްލަ މަސްލަހަތު އިސް ކުރައްވައިގެން ވަކި ގޮތަކަށް ޝަރުއީ ދާއިރާ ބައްޓަން ކުރައްވަން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދާފައިވާ ހެކިތަކެއް ތަހުލީލު ކުރަމުން ދަނިކޮށް، އެހެކިތައް ނިސްބަތްވާ ފަރާތްތަކަށް އަނބުރާ ދިނުމަށް އަމުރެއް ނެރެން އުޅުއްވި ކަމަށް ޝިފާން ވިދާޅުވިއެވެ.
"އަމުރަށްފަހު ދެ ފަނޑިޔާރުން އިސްވެ ތިިބެގެން ޖުޑިޝަރީގެ މުޅި ނިޒާމް ވަކި ގޮތަކަށް ބައްޓަން ކުރައްވާ ބައެއް ފަރާތްތަކާ ގުޅޭގޮތުން ހިނގަމުން ދިޔަ ތަހުގީގުތަކަކަށް ފުލުހުން ސީޒްކޮށްފައިވާ ހެކި ތަހުލީލު ކުރަމުން ދާ ސްޓޭޖުގައި ހުއްޓާ އެ ފަރާތްތަކަށް ރައްދު ކުރުމަށް އަމުރު ނެރެ އެކަހަލަ ބޮޑެތި މަސައްކަތްތައް ޖުޑިޝަރީގެ ތަފާތު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން މަސައްކަތް ކުރަމުން ދިޔަ" ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.