މިއަހަރުގެ ފުރަތަމަ ބުރު ފެބްރުއަރީ 20ން 24ށް ކުރިއަށް ގެންގޮސްފައިވާއިރު، ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ 69 ބައިވެރިން މިތަމްރީން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވެއެވެ. މިޕްރޮގްރާމަކީ ޓެކްސީ ޤަވާއިދުގެ 13ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ (ޓެކްސީ ކުރުމުގެ ލައިސަންސަށް އަލަށް ނުވަތަ އާކުރުމަށް އެދި ހުށަހަޅާ ފަރާތަކީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ، ޓެކްސީ ޑްރައިވަރުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.) ގޮތުގެމަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން ޓެކްސީގެ ޚިދުމަތް ދިނުމަށް ނުކުންނަ ޑްރައިވަރުންނަކީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ އެންމެހާ ޤަވާއިދުތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް ކުރިއަށްގެންދާ މިތަމްރީން ޕްރޮގްރާމްގައި، އެކްސިޑެންޓްތައް ކުރިމަތިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ރޯޑްކޯޑް އަދި ރައްކާތެރިކަމާއިއެކު މަގުބޭނުންކުރާނެ ގޮތްތަކާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި މީގެއިތުރުން ޑްރައިވަރުންނަކީ މަގުމަތީގެ ޢަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތައި ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ރިވެތި ސުލޫކީ މިންގަނޑެއް ގެންގުޅުމާއި ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙްތިރާމްކުރާ ބަޔަކަށް ޑްރައިވަރުން ހެދުމަށް މިތަމްރީނު ޕްރޮގްރާމްގައި ޑްރައިވަރުންނަށް ދަސްކޮށްދީފައި ވެއެވެ. އަދި ޓްރެފިކް މައްސަލަތައް މަދުކުރުމާއިއެކު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކޮށް ޤާނޫނު ތަންފީޒްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ޑްރައިވަރުންނާއި ޓްރެފިކް ފުލުހުންނާއި ދެމެދު އޮންނަންޖެހޭ ގުޅުން ބަދަހިކުރުމަށްވެސް މިތަމްރީން ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ކުރެވިފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ބުރުގައި ބައިވެރިވެފައިވާ 69 ބައިވެރިން 3 ބުރަކަށް ބަހާލައިގެން ތަމްރީންތައް ކުރިއަށް ގެންގޮސްފައިވާ މިޕްރޮގްރާމް، ނިންމައި ދަސްވި މިންވަރު ބެލުމުގެގޮތުން އިމްތިހާނެއްދީ، އެއިމްތިހާނުން %60ށް ވުރެ މަތިން މާރކްސް ހޯދާފައިވާ ފަރާތްތަކަށް ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން ދިނުމަށް ޚާއްސަ ރަސްމިޔާތެއްވަނީ ބާއްވާފައެވެ.ފެބްރުއަރީ 25ވަނަ ދުވަހުގެރޭ އިސްކަންދަރުކޮށީ މަލްޓި ޕާރޕަސް ހޯލުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ޕްރޮގްރާމް ފުރިހަމަކުރި ކަމުގެ ލިޔުން ބައްސަވާ ދެއްވީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީއެވެ.
މި ރަސްމިއްޔާތުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްމަތީން ޢަބްދުލްކަރީމާއި ރޯޑް ސޭފްޓީ ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާއާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އެކިއެކި ޔުނިޓްތަކުގެ އިސްވެރިންނާއި މާލޭގައި ޚިދުމަތް ދެމުންދާ ޓެކްސީ ސެންޓަރުތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.މިރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންނަކީ ވަރަށް ބުރަ އަދި އެހާމެ ޒިންމާ ބޮޑު މަސްޢޫލިއްޔަތެއް އަދާކުރަމުން ގެންދާ ބައެއްކަމަށާއި ޚާއްޞަ ގޮތެއްގައި ރައްޔިތުންނާއި ވަރަށް ގާތުން ޚިދުމަތްދޭ ބަޔަކަށް ވީހިނދު، ޑްރައިވަރުންގެ އަޚްލާޤާއި ސުލޫކު ރަނގަޅު ގޮތުގައި ބެހެއްޓުމަށް އެދިލެއްވިއެވެ.
އަދި ޓެކްސީ ޑްރައިވަރުންނަކީ ގިނަވަގުތު މަގުމަތީގައި އުޅޭބައެއްކަމުން، މަގުމަތީގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފު ޢަމަލެއް މީހަކު ނުވަތަ ބަޔަކުގެ ފުށުން ފެނިއްޖެނަމަ އެކަމެއްގެ މަޢުލޫމާތު ލަސްނުކޮށް ވީއެންމެއަވަހަކަށް ފުލުހުންނާއި ޙިއްސާކުރުމަށާއި އެފަދައިން ޙިއްސާކުރެވޭ މައުލޫމާތުގެ ސަބަބުން ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިއްމު ބައިވެރިއެއް ކަމުގައި ޓެކްސީ ޑްރައިވަރުން ވާނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުންވެސް ޓްރެފިކް ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރިވެ އެކަންކަމަށް ކަމޭހިތައިގެން ޚިދުމަތްދޭ ނަމޫނާ ބަޔަކަށްވުމަށް ޓެކްސީ ޑްރައިވަރުން ވުމަށް އެދިވަޑައިގެންނެވިއެވެ.
ޙަބަރު ޕޮލިސް