ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 5ސ
ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
ފުލުހުންގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މި ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލައި ގެޒެޓްކޮށްފިއެވެ.

ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މި އަންނަ މާރިޗު މަހުގެ 22 ވަނަ ދުވަހުގެ 16:00 އާހަމައަށް ވަނީ ހުޅުވާލާފައެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ 3 މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުން، ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނު ނުވަތަ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށްވުމާއި އިސްކޮޅު ފިރިހެނެއްނަމަ 5 ފޫޓް 3 އިންޗި، އަންހެނެއްނަމަ 5 ފޫޓަށްވުރެ ކުރުނުވުމާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެއިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ.

ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ޖީ.ސީ.އީ އޭ ލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށާއި ފުލުހުންގެ މުއައްސަސާއަށް ބޭނުންތެރި ދާއިރާއަކުން ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާއި ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސްއާ ފެތުމުގެ ޓެސްޓުން ފާސްވުމުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަންއާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ.

ފުލުހުން ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ އާއި ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ. ހަމައެއާއެކު ނެގިފަހުން 3 މަސް ދުވަސްވެފައިނުވާ އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ އާއި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އާއި ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމް ހުށަހަޅާނީ 2018 މާރިޗު 22 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 ން 16:00 އަށެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން