މާރޗް މަހުގެ 16 ވާ ހުކުރު ދުވަހު މާލޭގައި މުޒާހަރާ ބާއްވަން އުޅެނީ ސަރުކާރު ވައްޓާލަން ކަމަށާއި އެއެއްވުން ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިއަދު ބޭއްވި ނޫސް ކޮންފެރެންސެއްގައި، ފުލުހުންގެ ތަރުޖަމާނު ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވީ، މާލޭގައި ހަމަނުޖެހުން އުފައްދައި، ސަރުކާރު ވައްޓާލަން އުޅޭކަމުގެ މައުލޫމާތު އިތުބާރު ހުރި ގޮތަކަށް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
"މިމުޒާހަރާއަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނުނުތަކާ ޚިލާފް ކަންތައްތަކެއް ކުރުމަށް ގޮވާލައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި އަމަން އަމާންކަން ނަގާލުމުގެ ބޭނުމުގައި ބާއްވަން މަސައްކަތްކުރާ މުޒާހަރާއެއް ކަމަށް މައުލޫމާތު ލިބިފައިވާތީ މިފަދަ އެއްވެސް ކަމަކަށް ސަލާމަތީ ބާރުތަކުން ފުރުސަތު ނުދޭނެ ވާހަކަ އަޅުގަނޑުމެން ދަންނަވަން" އަހުމަދު ޝިފާން ވިދާޅުވިއެވެ.
މީގެއިތުރުން ޝިފާން ވިދާޅުވީ، އަންނަ ހުކުރު ދުވަހު މާލޭގައި ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންގެންދާ އެއްވުމަށް އަތޮޅުތަކުން މީހުން ގެނައުމަށް ރަށްރަށުގައި މަސްވެރިކަމަށާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ އޮޑި ދޯނި ފަހަރު ހޯދުމަށް އެރަށްރަށުގެ ނުފޫޒުގަދަ ފަރާތްތަކުން މަޖުބޫރުކޮށްގެން މަސައްކަތް ކުރަމުންދާކަމުގެ ރިޕޯޓުވެސް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން އޮޑިދޯނި ފަހަރު ބޭނުން ކުރުމަށް ހުއްދަ ދޫކުރެވިފައިވާ ބޭނުންތައް ފިޔަވާ އެހެނިހެން ބޭނުންތަކަށް އޮޑިދޯނިފަހަރު ބޭނުންކުރާނަމަ އެފަރާތްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅެނެ ކަމުގެ އިންޒާރުވެސް ފުލުހުންގެ ތަރުޖަމާނު ދެއްވިއެވެ.