މާލޭގެ ގެއަކުން ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކެއް ފެނިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 15ސ
މާލޭގެ ގެއަކުން  ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކެއް ފެނިއްޖެ
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ފުޅިތަކަކާއިއެކު ހަތަރު ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން އެކްޓިންގ ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަަންޓް އިންސްޕެކްޓަރ އޮފް ޕޮލިސް ރަޖުނީ ޝުއައިބް ވިދާޅުވީ އޭޕްރީލް މަހުގެ 3ވަނަ ދުވަހުގެ 19:50ހާއިރު މާލެއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކައި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި، ތުހުމަތު ކުރެވޭ މީހުން ފުލުހުންގެ ބެލެމުގެ ދަށަށް ގެނެވިފައިވަނީ މާލެއަށް ބަނގުރާ ގެނައުމަށްފަހު ޕިކަޕަކަށް އަރުވައިގެން މާފަންނުގައި ހުރި ގެއަކަށް ގުދަންކުރުމަށް ގެންދަން މަސައްކަތްކުރަމުންދަނިކޮށް ކުށުގެ ވެށިންކަމަށެވެ.

ރަޖުނީ ސުއައިބު ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރާއި 20 އަހަރާއި 21 އަހަރާއި އަދި 26 އަހަރުގެ ދިވެހި ހަތަރު ފިރިހެނުންނާއި 30 އަހަރާއި 40 އަހަރުގެ ބިދޭސީ ދެފިރިހެނުންކަމަށާއި މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު ދިވެހިންނަކީވެސް މާރާމާރީ ހިންގުމާއި ބަނގުރާ ބޭނުންކުރުމާއި ބަނގުރާ ގެންގުޅުމުގެ ކުށުގެ ރެކޯޑް އޮތް މީހުންކަމަށެވެ. އަދި ހައްޔަރުކުރި ދެބިދޭސީންނަކީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ދެމީހުންއެވެ..
މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ ފަރާތްތައް ބަނގުރާ ގުދަން ކުރުމަށް ބޭނުންކުރާކަމަށް ޝައްކުކުރެވޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، އޮރިޖިނަލް ޕެކިންގައި ހުރި އެކި ބްރޭންޑް ތަކުގެ 411 ބަނގުރާ ފުޅިއާއި، ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއްހުރި ލައިފް ބްރޭންޑްގެ 05 ލީޓަރުގެ 01 ފުޅިއާއި އަދި އެކި ބްރޭންޑް ތަކުގެ އޮރިޖިނަލް ޕެކިންގައިހުރި 84 ބިޔަރު ދަޅު އެގެއިން ފެނިފައިވެއެވެ. އަދި އެގެއަކީ، މިމައްސަލައިގައި ހައްޔަރުކުރެވިފައިވާ ފަރާތްތައް ކުއްޔަށް ހިފައިގެން ބަނގުރާ ސްޓޮކް ކުރުމަށް ބޭނުންކުރަމުންދާ ތަނެއްކަން ފުލުހުންގެ ތަޙުޤީޤަށް ފާހަގަ ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މިމައްސަލައާއި ގުޅިގެން އަތުލައިގަނެވިފައިވާ ބަނގުރާ އަދި ބިޔަރު ދަޅުތަކަކީ ހުޅުމާލެ ބޮންޑެޑް ވެއަރހައުސް އިން ޓުއަރިސްޓުންނަށް ޚިދުމަތް ދިނުމަށް، ސަފާރީއަކަށް ދޫކޮށްފައިވާ ބަނގުރާކަން ފުލުހުންގެ ތަޙުޤީޤަށް އެނގިފައިވާކަމަށާއި މިމައްސަލައިގެ ތަޙުޤީޤުން ފާހަގަ ކުރެވޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ތުހުމަތު ކުރެވޭ އިތުރު ފަރާތްތައް ހިމެނޭކަމަށް ބެލެވޭތީ އެފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަަމަށްވެސް ރަޖުނީ ޝުއައިބު ވިދާޅުވިއެވެ.

ހަމައެއާއެކު ބަނގުރާ އެތެރެކޮށް ވިޔަފާރި ކުރުމަށް ދެވިފައިވާ ހުއްދައަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޓުއަރިސްޓުންނަށް ޚިދުމަތް ދިނުމަށް ދެވިފައިވާ ހުއްދައަކަށްވާއިރު، ބައެއްފަރާތްތަކުން މިހުއްދަ ބޭނުންކޮށްގެން ނާޖާއިޒްގޮތުގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ދާކަން ފާހަގަކުރެވިފައިވާ ކަމާއި، ޤަވާއިދާއި ޚިލާފުވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި ކަމާއިބެހޭ އިދާރާތަކަށް ފޮނުވޭނެކަމާއި، މިކަންކަމުގައި ބޭނުންކުރަނީ މިފަދަ ކުށްތައް ހިންގާ ފަރާތްތަކާއި އެކިގޮތްގޮތުން ގުޅުންހުރި އުޅަނދު ފަހަރާއި އަދި ގުޅުންހުރި ފަރާތްތަކުން މަސައްކަތްކުރާ އުޅަނދު ފަހަރުކަމުން، ސަފާރީ އޮޕަރޭޓްކުރާ ފަރާތްތަކާއި ލޯންޗު ފަހަރުގެ ވެރިފަރާތްތަކުން މިކަންކަމަށް ސަމާލުވެ މިކަންކަން ހުއްޓުވުމަށްޓަކައި ފުލުހުންނާއި ގުޅިގެން މަސައްކަތްކުރެއްވުމަށް އިލްތިމާސްކުރައްވާކަމަށް ރަޖުނީ ޝުއައިބް ވިދާޅުވިއެވެ.
އާއްމުން އުޅޭ ތަންތަނުގައި ގިނައަދަދަކަށް ބަނގުރާ ރައްކާކޮށް ވިޔަފާރި ކުރާކަން ފާހަގަ ކުރެވިފައިވާތީ ތަންތަން ކުއްޔަށްދޭ ފަރާތްތަކުންނާއި ގެގޭ ވެރިފަރާތްތަކުން މިކަންކަމަށް ސަމާލުވުމަށާއި ޤާނުނާއި ޚިލާފު އެއްވެސް ކަމެއް ކުރާކަމަށް ޝައްކުކުރެވޭ ނަމަ އެކަން ފުލުހުންނަށް އެނގުމަށާއި ކުށްމަދު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އާއްމު ރައްޔިތުންގެ ފަރާތުން މިހާރުވެސް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެކަންކަމަށް ޝުކުރު އަދާކުރާކަމަށްވެސް ރަޖުނީ ވިދާޅުވިއެވެ.

މިއަދު އޮންލައިން