އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން އައްޑޫ ސިޓީ މަރަދޫ ފުޓުބޯޅަ ދަނޑުގައި މިއަދު ބޭއްވުމަށް ހަމަޖެއްސި ދުވުން 'އެމްއެންޑީއެފް 126 ރަން' ފަސްކޮށްފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެމްއެންޑީއެފް ރަން މިއަދު ނުބާއްވާ ފަސްކުރަން ނިންމީ އައްޑޫ ސިޓީ ހިތަދޫ ދެ ކުއްޖަކު ގެއްލިގެން އެ ކުދިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުންދާތީކަމަށެވެ. އަދި ރަން ދެން ބާއްވާނެ ތާރީޚެއް ފަހުން އަންގާނެކަަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކޯއްޓޭ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލިގެން އެމްއެންޑީއެފްއިން ހޯދަން ފެށީ ތިން ކުދިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ފެނިފައިވާއިރު، އަނެއް ދެ ކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އެބަދެއެވެ. ފެނުނު ކުއްޖާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އެ ކުއްޖާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.
ގެއްލުނު ދެ ކުދިން ހޯދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންގެ އިތުރުން ކޯސްޓްގާޑް ޑައިވަރުންނާއި އެމްއެންޑީފް ކުރަނގި ހެލިކޮޕްޓަރުގައި ވެސް ސިފައިން ހަރަކާތްތެރި ވަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.