ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އިސްނަގައިގެން މިއަހަރުގެ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަސް ކ. ގުރައިދޫގައި ފާހަގަކުރުމަށް ހަމަޖައްސައިފިއެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާއިރު، ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މެއި މަހުގެ 10 ން 11 އަށް ގުރައިދޫގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމާއި ކުޑަކުދިންނަށް ޚާއްސަ ހަވީރަކާއި ގުރައިދޫގައި ހުންނަ ޚައްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.
އަދި ކުޑަކުދިންނަށް އަޅާލާ މުޖުތަމަޢުއެއް ޤާއިމްކުރުމަށް ޚާއްސަ މެޖެސްތައް ދިނުމުގެ ގޮތުން ރަށުގައި ބިލްބޯޑު ބެހެއްޓުމަށްވެސް ހަމަޖެހިފައެވެ.
މިހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ބާއްވާ ޚާއްސަ ހަވީރުގައި ގިނަ ޢަދަދެއްގެ ސްޓޯލްތައް ހެދުމުގެ އިތުރުން ކުޑަކުދިންގެ ހުނަރުތައް ދައްކާލުމާއި ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ގުރައިދޫގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި “ދަ ރޮބޯ މޭން” އާއި އެހެން ބައެއް މަޝްހޫރު ފަންނާނުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އިސްނަގައިގެން ކ. ގުރައިދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ކުރިއަށް ގެންދަނީ ފުލުހުންގެ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓާއި ގުރައިދޫ ކައުންސިލާއި ގުރައިދޫ ޕޮލިސް ސްޓޭޝަންގެ އިތުރުން އެރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާ ގުޅިގެންނެވެ.
ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އިސްނަގައިގެން ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުވެސް މިފަދަ ހަރަކާތްތަކެއް އއ. މަތިވެރީގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ޙަބަރު ޕޮލިސް