ރޯދައަށް ތައްޔާރުވުން :18 ނަމާދުގެ ޖަމާއަތް ގެއްލޭ ގޮތަށް ރޯދަވީއްލުންތަކަށް ދިޔުމަކީ ރޯދައަށް ދެވޭ އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ރޯދައަށް ތައްޔާރުވުން :18 ނަމާދުގެ ޖަމާއަތް ގެއްލޭ ގޮތަށް ރޯދަވީއްލުންތަކަށް ދިޔުމަކީ ރޯދައަށް ދެވޭ އަނިޔާއެއް!
ރޯދަމަހު ފަޤީރުންނަށާއި ޢާއިލާގެ މީހުންނަށާއި ގާތް ރަޙްމަތެެރިންނަށް ރޯދަ ވީއްލުން ދިނުމަކީ ހަަމަ ކުރަން ރަނގަޅު ކަމެކެވެ. ފައިދާހުރި ކަމެކެވެ. ސަވާބުވެސް ލިބޭނެ ކަމެކެވެ.

އެހެންކަމާއިއެކުވެސް ޚާއްސަ ރޯދަ ވީއްލުންތަކަށް ދިޔުމާއި ރޯދަވީއްލުންތައް ބޭއްވުން ހަމަޖައްސަންވާނީ, ނަމާދެއްގެ ޖަމާއަތް ނުގެއްލޭނެ ގޮތަށެވެ. މަޣްރިބް ނަމާދުގެ އަދި ޢިޝާ ނަމާދުގެ ވެސް ޖަމާއަތް ގެއްލިގެން ނުވާނެއެވެ.
ޢިޝާ ނަމާދުގެ ޖަމާއަތް ގެއްލުމަކީ ގިނަ ޤައުމުތަކުގައި ވަރަށް ބޮޑު މައްސަލައެކެވެ. އެއީ އިޝާ ނަމާދާއި ގުޅުވައިގެން ތަރާވީޙް ނަމާދުކުރާތީއެވެ. ޢިޝާ ނަމާދުގެ ޖަމާއަތް ގެއްލިއްޖެނަމަ ތަރާވީޙް ނަމާދު ގެއްލުމުގެ ފުރުޞަތު ބޮޑުކަމުންނެވެ.

އެއްވެސް ނަމާދެއްގެ ޖަމާއަތް ގެއްލޭ ގޮތަށް ރޯދަ ވީއްލުމަކީ ހިފި ރޯދައަށް ދެވޭ ގެއްލުމެކެވެ. ކުރެވޭ އަނިޔާއެކެވެ. އެހެނީ ރޯދައެވެ މިކިޔަނީ ހަމައެކަނި ދުވާލު ނުކައި ހުރުމަށް އެކަންޏެއް ް ނޫނެވެ. ނުކައި ހުރުމާއިއެކު ފަރުޟު ނަމާދުތައް ޖަމާއަތުގައި ކުރަން ޚާއްޞަ ސަމާލުކަމެއް ނުދޭނަމަ ހިފި ރޯދައިގެ ސަވާބު ފުރިހަމައަށް ލިބޭނެ ހެއްޔެވެ؟ އެކަން އެހެންވާނެ ކަމަށް ހަމައެކަކުވެސް ޤަބޫލުކޮށްގެން ނުވާނެއެވެ.

ރޯދަވެރިޔާއަށް އެންމެ މުހިންމީ ޖަމާއަތުގައި ނަމާދުކުރުމެވެ. އަންހެނުން ގޭގައި ނަމާދުކުރި ނަމަވެސް ފިރިހެނުން ޖަމާއަތަށް މިސްކިތަށް ދިއުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ރަމަޟާން މަސް އައި ނަަމަވެސް ދީނުގެ ތަރުތީބަަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ރޯދަ އަންނާނީ ހަަމަ ނަމާދުގެ ފަހަތުންނެވެ. އެހެންކަމުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ޖަމާއަތުގައި ނަމާދުކުރުމަށެވެ.

މިފެށޭ ރަމަޟާންމަހު ރޯދަ ވީއްލާ ޕާޓީތައް އިންތިޒާމުކުރާއިރުގައާއި އެފަދަ ޕާޓީތަކުގައި ބައިވެރިވާއިރު މިކަންކަމަށް ސަމާލުކަން ދިނުމަށް ނަޞޭޙަތްތެރިވަމެވެ.

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

(ފާއިތުވި ރަމަޟާންމަހުގައި މިސްކިތުގައި މަޣްރިބް ނަމާދު ނުކޮށް ދިއައީ ހަމަ އެންމެ ރޯދަ ވީއްލުމަކަށެވެ. އެއީ ހޮޓެލް ޖެންގައި އޮތް ރޯދަވީއްލުމެކެވެ. އެތަނުގައި ނަމާދުކުރެވެން ހުންނާތީ ޖަމާއަތުގައި ނަމާދުކުރާނެ ބައަކު ތިބޭނެ ކަމުގެ އުންމީދުގައެވެ.
ހިތާމަހުރި ކަމަކީ ރެސްޓޯރަންޓާއި ހޯލް ފުރެންދެން ރޯދަވީއްލަން މީހުން ގޮސް ތިބިއިރު ހަމަ އެކަކުވެސް ބަންގި ގޮވުމުން ނަމާދަށް އިސްކަންދީ ނަމާދުނުކުރާ ކަމެވެ.
ފަހުން މައުލޫމާތު ލިބުނު ގޮތުގައި ރޯދަ ވީއްލަން ދިއަ ބައެއް މީހުން އެތަނުން ނުކުތީވެސް އިޝާނަމާދަށް ގޮވައިދިއަ ފަހުންނެވެ. އެހެންކަމުން އެ ވީއްލީ ކޮން ރޯދައެއް ކަމާއިމެދު ސުވާލު އުފެދުނެވެ.)
މިއަދު އޮންލައިން