ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރެވުނު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅިކަމަށް ބުނާ ދައުވާ ސާފު ނުވާ ކަމަށާއި، އެދައުވާ އޮތީ ފުލޯކު ވާހަކައެއް ގޮތަށް ކަމަށް ވިދާޅުވެ ޝަރީއަތުގައި އެމަނިކުފާނު ފާޑު ވިދާލުވެއްޖެއެވެ.
ފަނޑިޔާރު އަލީ ހަމީދު މިހެން ވިދާޅުވެފައިވަނީ ތަހުގީގަށް އެމަނިކުފާނުގެ ފޯނު ދިނުމަށް އިންކާރު ކުރުމުން ދައުލަތުން އުފުލާފައިވާ އަދުލު އިންސާފް ގާއިމް ކުރުމަށް ހުރަސް އެޅި މައްސަލައިގާ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ބޭއްވުނު އަޑު އެހުމުގައި ދައުލަތުން އުފުލާފައިވާ ދައުވާ ސާފުވޭތޯ ސުވާލު ކުރެއްވުމުން އަލީ ހަމީދު ވިދާޅުވީ ތެދަށް ދަންނަވާނަމަ ދައުވާ އެއްގޮތަކަށް ވެސް ސާފު ނުވާ ކަމަށެވެ.
އީގެއިތުރުން އިސްލާމީ ޝަރީއަތާއި ޤާނޫނު އަސާސީގެ ހަމަތަކުން ބަލާއިރު ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރުތުތައް ވެސް ހަމަ ނުވާކަމަށާއި ތަފާތު ގޮތްގޮތަށް މާނަ ކުރެވޭ އެދައުވާ އޮތީ ފުލޯކު ވާހަކައެއްގެ މައްޗަށް ދެކެވޭ ވާހަކަތަކެއް ފަދައިން ކަމަށް ވެސް ފަނޑިޔާރު އަލީ ހަމީދު ވިދާޅުވިއެވެ.