ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް އާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަށް "އަނިޔާކުރާ" ކަމަށް ބުނެ އެބޭފުޅުންގެ ވަކީލުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯސްޑިވްސް (އެޗްއާރްސީއެމް) އަށް މައްސަލަ ހުށަހަޅައިފިއެވެ.
ސިޔާދު އާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަށް ވެސް "އަނިޔާކުރާ" ކަމަށް ބުނެ، އެހަތަރު ބޭފުޅުން މާފުށީ ޖަލުގެ އެކަހެރި ގޮޅިއެއްގައި ބައިތިއްބާފައިވަނީ އެންޓި ޓޯޗާ ގާނޫނާ ޚިލާފަށް ގަސްތުގައި ނަފްސާނީ ގޮތުން އަނިޔާ ކުރުމުގެ ގޮތުން ކަމަށް ބުނެ އެބޭފުޅުންގެ ވަކީލުން ވަނީ އެޗްއާރްސީއެމް އަށް މައްސަލަ ހުށަހަޅާފައެވެ.
އެޗްއާރްސީއެމް އަށް މިހަތަރު ބޭފުޅުންގެ ވަކީލުން ސިޓީ ފޮނުވާފައިވަނީ ވަކި ވަކިންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރެވުނު މިހަތަރު ބޭފުޅުން ވެސް ޖަލުގައި ބައިތިއްބާފައިވަނީ ޝަރީޢަތް ނިމެންދެންނެވެ.