ދައުލަތް ހިމާޔަތްކޮށް ރައްކާތެރިކުރަން ޖަހަންޖެހޭ މުގުރު މިއަދު އެޖެހީ ދައުލަތުގެ ކަންކަން މުގުރާލަން ކަމަށްވުމުން މުޅި ގައުމު ލަދުން އިސްޖަހާލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ އަހަރީ ދުވަސް ފާހަގަކުރަން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން މުޅި ޤައުމު ފަޟީޙަތްވާންޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް ނުވަތަ ދިވެހި ދައުލަތަށް މިއަދު ހަމަލާތައް ދެމުން ގެންދަނީ ދުރުން ނޫން ކަމަށާއި ވަރަށް ގާތުން ކަމަށެވެ. މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބެގެން ބައަކު ޤައުމު ފަޟީޙަތްކޮށް ޤައުމުގެ ސަލާމަތަށް ނުރައްކާތައް ކުރިމަތިކުރުވަމުން ގެންދާ ކަމަށާއި އެމީހުން އެފަދަ ކަންކަން ކުރަނީ އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭ ގޮތެއްގައި ތިބެގެން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެފަދަ ކަންކަން ކުރާ މީހުންނަށް ބޭރުގެ ފަރާތްތަކުން ހަމްދަރުދީ ވަނީ ޑިމޮކްރަސީގެ ނަމުގައި ކަމަށާއި އެޑިމޮކްރަސީގެ ތެރޭގައި ހިމެނޭ ލިބެރަލިޒަމްގައި ދީނީ މިނިވަންކަން ހިމެނޭ ކަމަށެވެ.
ނަަމަވެސް ރާއްޖެއަކީ އިސްލާމް ދީން ދޫކޮށްލުމަކީ ޖިނާޢީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ދުނިޔޭގެ 13 ޤައުުގެ ތެރެއިން އެއް ޤައުމު ކަމަށެވެ. އެހެންކަމުން ޒިންމާދާރުކަމާއިއެކު ވަކާލާތުކުރާ އެއްވެސް ފަރާތަކުން މިއިން އެއްވެސް ކަމަކަށް އެއްވެސް ސަމާލުކަމެއް ބަހައްޓާކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ދިވެހިންގެ ހަޟާރަތު މިހައިތަނަށް ރައްކައުތެރިކޮށް ކުރިއެރުވީ ދިވެހިން ކަމަށާއި އަދިވެސް އެ ހައްޤު ހަމަ ދިވެހިންނަށް އޮންނަން ޖެހޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.