ރާއްޖޭގެ ޤާނޫނު އަސާސީގައި ހިމެނޭ ކަންކަން ބަދަލުކުރަން ބޭނުންވާނަމަ އެންމެންގެ މެދުގައި މަޝްވަރާކޮށްގެން ޤާނޫނު އަސާސީ ބަދަލުކުރުމަށް ޢަބްދުﷲ ކަމާލުއްދީން (އޭކޭ) ގޮވާލައްވައިފިއެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިއަ ޕެނެލް ޑިސްކަޝަންގައި ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެނޫން ގޮތަކަށް ކުއްލިކުއްލިއަށް، ޤާނޫނު އަސާސީއަށް ބަދަލު ގެންނަނަމަ ޤައުމުގައި ޞުލްހަ މަޞްލަހަތާއި އަމާންކަން ނުއޮންނާނެ ކަމަށެވެ.
ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ރާއްޖޭގައި ކަންކަން މިހާރު ގޮސްފައިވާ ހިސާބާއިމެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އިދިކޮޅު 3 ލީޑަރުންގެ މައްޗަށް ކޮންމެވެސް ކުށެއްގެ ތުހުމަތުގައި ޝަރީޢަތް ހިންގައި ޙުކުމްކޮށްފައިވާއިރު ދެން ހުންނެވި އިދިކޮޅު ލީޑަރުގެ މައްޗަށް މިހާރު ދަނީ ޝަރީއަތް ކުރެވެމުން ކަމަށެވެ.
ސަރުކާރުން އެފަހަރަކު ބާރަށް ކުރިއަށް ގެންދަން ބޭނުންވާ މައްސަލައެއްގެ ޝަރީއަތްތައް ބާރު ސްޕީޑޗގައި ކުރިއަށް ގެންދާ ކަމަށާއި އެހެން މައްސަލަތައް ހުންނަނީ މަޑުޖައްސާފައިކަމަށްވެސް ޢަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ. "ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްސަލަ ހައިކޯޓުގަ އިސްތިއުނާފްކޮށްފަ އޮންނަނީ މިދިަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން."
މިރޭގެ ޕެނެލް ޑިސްކަޝަން ކުރިއަށް ގެންގޮސްފައިވަނީ ޖަލު ބަންދުގައި ތިއްބެވި 2 ފަނޑިޔާރުންނާއި ގުޅޭ ގޮތުންނެވެ. ބައިވެރިން ފާހަގަކުރެއްވި ގޮތުގައި 2 ފަނޑިޔާރުން ވެސް ހިފައި ހައްޔަރުކޮށްފައިވަނީ ޤާނޫނުތަކުން ބޭރުންނެވެ. އެހެންކަމުން މިހާރު އެބޭފުޅުންނާއިމެދު ކުރިއަށް ގެންދާ ކަންކަން ކުރިއަށް އެގެންދަނީ ވެސް ޤާނޫނުން ބޭރުންނެވެ.