އޮޅުހަލީގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ކ.އޮޅުހަލީގައި ތަރައްޤީކުރަމުންދާ ރިސޯޓުން މޫދަށް ފޭބި ބިދޭސީ މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ބިދޭސީ މީހާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދިޔަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުންނަށްކަމަށެވެ. އެއީ މިއަދު ހެނދުނު 8:30 ހާއިރު ކަނޑުގެ 7 މީޓަރު އަޑިންކަމަށް އާޒިމް ވިދާޅުވިއެވެ.
މޫދަށް ފޭބި ބިދޭސީ މީހާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ ރޭ 20:25 ހާއިރުކަމަށް އެމްއެންޑީއެފްއުން ވަނީ ކުރިން މައުލޫމާތު ދެއްވައިފައެވެ.
މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދިަޔަ ބިދޭސީ މީހާގެ ހަށިގަނޑު މިއަދު ފެނިފައިވާއިރު، ހުޅުމާލެ ފަތާ ޓްރެކްގައި މޫދަ އެރި އުޅެނިކޮށް ގެނބިގެން ހާލު ގޯސްވި ދިވެއްސަކު ވަނީ ރޭ މަރުވެފައެވެ.
އޭގެ އިތުރުން، މިދިޔަ ހުކުރު ދުވަހު މޫދަށް އެރި އުޅެނިކޮށް އައްޑޫ ސިޓީ ހިތަދޫއިން ގެއްލުނު ދެ ކުޑަކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސިފައިން އަދިވެސް ދަނީ ކުރަމުންނެވެ.