މުވައްކިލުންނަށް ފުރުޞަތު ނުލިބޭގޮތަށް ފަޓާސްބަރިއެއްހެން ޝަރީއަތްތައް ކުރިއަށް ގެންދާތީ ވަކީލުން ކަންބޮޑުވޭ: ހިސާން
ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅުވައިގެން ސަރުކާރުން ބަންދުކުރި މީހުންގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ މުވައްކިލުންނަށް އެކަށީގެންވާ ފުރުޞަތު ނުލިބޭ ގޮތަށް ކަމަށާއި މުވައްކިލުންނަށް ފުރުޞަތު ނުލިބޭގޮތަށް ފަޓާސްބަރިއެއްހެން ޝަރީއަތްތައް ކުރިއަށް ގެންދާތީ ވަކީލުން ކަންބޮޑުވާކަމަށް ޤާނޫނީ ވަކީލް ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
ހިސާން މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި ހެދުނުންސުރެ ރޭގަނޑު ވަންދެން ޝަރީއަތްތަްއ ކުރިއަށް ގެންދިއުމަށްފަހު އަނެއް ދުވަހު މެންދުރު 12 ޖަހާއިރަށް ކޯޓަށް ކަންކަން ހުށަހަޅަން އެންގުމުން ވަކީލުންނަށް މަޝްވަރާކޮށްލާނެ ވަގުތު ވެސް ނުލިބޭ ކަމަށެވެ.
ހިސާން ވިދާޅުވީ މިގޮތަށް އަވަސް އަރުވާލައިގެން ޝަރީއަތްތައް ކުރިއަށް ގެންދާއިރު މުވައްކިލުންނާއި ބައްދަލުކޮށް މަޝްވަރާކޮށްލަންވެސް ވަގުތު ނުލިބޭ ކަމަށެވެ. "މިހާރުވެސް ކަރެކްޝަންސް އިން އަންގަނީ ހޮނިހިރު ދުވަހާއި ހަމައަށް ވަކީލުންގެ ބައްދަލުވުންތައް ފުރިފައިވާ ކަމަށް."
ޙިސާން ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިއައީ ރައީސުލްޖުމްހޫރިއްޔާ، އުއްތަމަ ފަނޑިޔާރަށް ފޮނުއްވަން އުޅުއްވި 4 ސިޓީފުޅެއް ޖެމް ނިޒާމުގެ ތެރެއިން ފޮނުއްވަން އުއްތަމަ ފަނޑިޔާރު ހުރަސް އެޅުއްވި ކަމަށް ދައުލަތުން ބުނާ މައްސަލައިގެ ލިޔެކިޔުންތައް ބަދަލުކުރުން ކަމަށެވެ.
ހިސާން ވިދާޅުވީ ވަކީލުންނަށް މުވައްކިލުންނާއި ބައްދަލުކޮށް މަޝްވަރާކުރާނެ ފުރުޞަތާއި އަދި ވަކީލުންގެ މެދުގައި މަޝްވަރާކުރާނެ ފުރުޞަތު އެކަށީގެންވާ ވަރަށް ނުދީ ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ވަކީލުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.