ސިނާންގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މިއަދު ފަށަނީ

ކިޔުމަށް ހޭދަވާނީ 1މ 12ސ
ސިނާންގެ މައްޗަށްކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މިއަދު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މިއަދު ފަށާގޮތަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ތާވަލުގައިވާ ގޮތުން، ސިނާންގެ ޝަރީއަތް މިއަދު އެ ކޯޓުގައި ފަށަނީ މެންދުރުފަހު 15:00 ގައެވެ.

ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ދައުވާއެވެ. ސިނާންގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައެވެ.

މި މައްސަލާގައި ސިނާންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލާގައި ސިނާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިތުރު ތިން މެންބަރެއްގެ މައްޗަށް ވެސް ޓަރަރިޒަމްގެ ދައުވާ އުފުލާފައިވެއެވެ. އެއީ ކިނބިދޫ ދާއިރާގެ މެނބަރު ޢަބްދުﷲ ރިޔާޒާއި، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. މި ތިން މެންބަރުންނަށް ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.
ސިނާންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މިއަދު ފަށާއިރު، އިއްޔެ ވަނީ އިލްހާމުގެ ޝަރީއަތް ފަށައިފައެވެ.

މިއަދު އޮންލައިން