މާލޭގައި މީހުން ދިރިއުޅޭ ނިކަމެތި ހާލަތު ރައީސް ޔާމީނަށް ކުޑަކޮށްވެސް ނޭނގޭ: ޝާހިދު
މާލޭގައި މީހުން ދިރިއުޅޭ ނިކަމެތި ހާލަތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކުޑަކޮށް ވެސް އެނގިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މާލެއަކީ މިހާރު މީހުން ފުރި ތޮށްޖެހިފައިވާ ތަނެއް ނޫންކަމަށް ރައީސް ޔާމީން ދެއްކެވި ވާހަކުފުޅަކަށް ރައްދުދެއްވައި ޝާހިދު ވަނީ ރޭ ޓްވީޓެއް ކުރައްވައިފައެވެ.
ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާލޭގައި މީހުން ނިދައި އުޅެނީ ދަންފަޅި ބަހައިގެންކަމަށާއި ފިތި ބާރުވެގެން ނޭވާ ލެވެނީ ވެސް އެކަކު އަނެކަކުގެ މޫނަށް ކަމަށެވެ. މުޅި މާލެ ގޮނޑަކަށް ވެއްޖެކަމަށާއި މުޅި ރަށުގައި ރޯގާ ފެތުރިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ހިތުގައި އެއްވެސް ރަހުމެއްވާނަމަ ރައްޔިތުންނާ ހަމައަށް ވަޑައިގެން އެ ރައްޔިތުންގެ ހާލު ބެއްލެވުމަށް ޝާހިދު ކުރެއްވި ޓްވީޓްގައި ގޮވައިލެއްވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދެއްވި ތަރައްޤީތަކުގެ މައުލޫމާތު ހިމެނޭ ގޮތަށް ރައީސް އޮފީހުން ނެރުނު "ރަށްވެހި ތަރައްޤީ" ފޮތް އިފުތިތާހުކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާލެއަކީ މިހާރު ފުރިބާރުވެފައިވާ ރަށެއްކަމަށް ޤަބޫލުފުޅު ނުކުރައްވާކަަމަށެވެ. އަދި މާލޭގައި މިހާރު ކުނިގޮނޑެއް އެބައޮތްތޯ އަދި ބިން ނުލިބިގެން އެބައުޅެންތޯ ވެސް ރައީސް ވަނީ ސުވާލުކުރައްވައިފައެވެ.