ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާޞިރުގެ އަނބިކަނބަލުން މަރިޔަމް ސަޢީދު އަވަހާރަވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާޞިރުގެ އަނބިކަނބަލުން މަރިޔަމް ސަޢީދު އަވަހާރަވެއްޖެ
ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާޞިރުގެ އަނބިކަނބަލުން މ. ބަދީޗާގޭ މަރިޔަމް ސަޢީދު އަވަހާރަވެއްޖެއެވެ. އަވަހާރަވީ މިއަދު ކޮލޮމްބޯގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ. އަވަހާރަވީ އާލާސްކަންފުޅާ ގިނަ ދުވަސްތަކަކު އުޅުއްވުމަށްފަހު އެެވެ.

މަރިޔަމް ސަޢީދަށް ދެބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ޢަލީ ނާޞިރާއި މުޙައްމަދު ނާޞިރުއެވެ. ދެ ބޭފުޅުންވެސް ވަނީ އަވަހާރަކޮށްލައިފައެވެ.



މަރިޔަމް ސަޢީދަކީ ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް، ޚާއްޞަކޮށް ތައުލީމީ ދާއިރާއަށާއި އިސްލާމް ދީނަށް އަގުހުރި މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވެވި ޙުސައިން ޞަލާހުއްދީންގެ ބޭފުޅެކެވެ. ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވެވި އިބްރާހީމް ޝިހާބް އާއި އަދުނާން ޙުސައިން އަދި ފާޠިމަތު ސަޢީދު އަކީ ވެސް ޞަލާޙުއްދީންެގެ ބޭފުޅުންނެވެ.



ފާޠިމަތު ސަޢީދަކީ ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުޙައްމަދު އަމީންގެ އަނބިކަނބަލެކެވެ. އެހެންކަމުން ދެބެއިންވެސް ވަނީ ދިވެހި ޖުމްހޫރިއްޔާގެ 2 ރައީސުންނާއި ކައިވެނިފުޅު ބައްލަވައިގެންފައެވެ.



މަރްޔަމްސަޢީދަކީ ދިވެހި ޅެންވަރިކަމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަނބަލެކެވެ. ރާއްޖޭގެ ޅެންވަރިކަމުގެ ގުލްޒާރުގެ އެންމެ ކުލަގަދަ އެއް މަލެވެ. "ހަސްރު ދިއައީ ގެއްލިގެން" ފަދަ ޅެންތަކަކީ ދިވެހިންގެ ވިންދާއި ގުޅިފައިވާ ޅެންތަކެވެ.

މަރްހޫމާގެ ފުރާނައަށް މާތްﷲ ހެޔޮ ރަހްމަތްފުޅު މިންވަރުކުރައްވަވާށި.! އާމީން.

މަރްޔަމް ސަޢީދުގެ ޢާއިލާގެ ހުރިހާ ބޭފުޅުންނަށް މިއަދުނޫހުން ތައުޒިޔާ އަރިސްކުރަމެވެ
މިއަދު އޮންލައިން