ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ވެރިކަން ވައްޓާލަން އުޅުން ކަމުގެ ތުހުމައތުގައި ހައްޔަރުކޮށްފައި ތިބި ކުރީގެ އެސްއޯ ފުލުހުން ގޭ ބަންދަށް ބަދަލު ކުރުމަށްފަހު، އޭގެ ތެރެއިން ދެ ފުލުހަކު އަނބުރާ ޖަލަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
އެގޮތުން ފުލުހުންގެ ބަންދަށް އަނބުރާ ބަދަލު ކޮށްފައިވަނީ ސްވޮޓްގެ ކުރީގެ ކޮމާންޑަރު ސައިފު ހުސެއިނާއި ކުރީގެ ސްޓޭޝަން އިންސްޕެކްޓަރ ފާއިޒް މުޙައްމަދު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެއޮފިސަރުންވެސް ފުލުހުންގެ ބަންދަށް ބަދަލު ކޮށްދިނުމަށް އެދިފައިވަނީ ފުލުހުންނަށް ލިބިފައިވާ އިންޓެލް ރިޕޯޓަކާއި ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ވަނީ އިންޓެލް ދެ ރިޕޯޓެއް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާ، ސައިފް އާއި ފާއިޒް ފުލުހުންގެ ބަންދަށް ބަދަލު ކޮށްދިނުމަށް އެދިފައެވެ.
ދައުލަތުން އެދުނު ފަދައިން ގާޒީވަނީ ކުރީގެ އެދެއޮފިސަރުން ފުލުހުންގެ ބަންދަށް ބަދަލުކުރުމަށް އަމުރު ކޮށްފައެވެ.