މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް މާލެ ސިޓީ ކައުންސިލްގެ މެންބަރު ފިޝާވިން ސަލީމް އައްޔަންކޮށްފިއެވެ.
ސްޕޯޓްސް ކޯޕަރޭޝަންއިން މައުލޫމާތުދިން ގޮތުގައި، އެ ކޯޕަރޭޝަންގެ ބޯޑުގެ މެންބަރަކަށް ފިޝާވިން އައްޔަންކޮށްފައިވަނީ މިދިޔަ އަންގަރާ ދުވަހުއެވެ.
ފިޝާވިންއަކީ މާލެ ސިޓީ ކައުންސިލްގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރެވެ. މިދިޔަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ފިޝާވިލް މާލެ ސިޓިގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރަކަށް އިންތިޚާބުވެވަޑައިގަތީ ޑީއާރުޕީގެ ޓިކެޓުގައެވެ.
ފިޝާވިންގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަން ބޯޑުގައި ހަތަރު މެންބަރުން ތިބެއެވެ. އެއީ ޗެއާމަން އިހުސާން ޢަބްދުލްޣަނީ، މެނޭޖިން ޑިރެކްޓަރު ޢަބްދުލްރައްޒާޤު، މެންބަރު ޒީޝާން ޢަބްދުލްރަހީމް، އަދި މެންބަރު ހުސައިން ޝާމް އާދަމެވެ.
2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގައި އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ކުޅިތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން އުފެއްދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.