މާފުށީ ޖަލު ކައިރީގައި ބައަކު ޞުލްޙަވެރިކަމާއިއެކު ކުރި މުޒާހަރާއަކާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފުގެ މައްޗަށް ކޮށްފައިވާ މައްސަލައިގައި ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން އެބަގެންދެއެވެ.
އެސަރަހައްދުގައި މުޒާހަރާކުރިއިރު އެއްވެސް ހަމަނުޖެހުމެއްވެސް ހިންގާފައިނުވާއިރު އަދި މުޒާހަރާކުރި މީހުން ކުރި ހަމައެކަނި ކަމަކީ ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލުން ކަމަށްވާއިރު އެކަމާއި ޓެރަރިޒަމާއި ހުރީ ކޮން ގުޅުމެއްތޯ ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މިކަމާއި ގުޅިގެން މަޚްލޫފް ވިދާޅުވީ މުޒާހަރާއެއް ކޮށްގެން ދައުވާއެއް އުފުލިނަމަވެސް އެދައުވާއެއް ވާނީ ވަރަށް ކުޑަ ދައުވާއަކަށް ކަމަށާއި ނަމަވެސް ސަރުކާރުން ބޭނުންވަނީ ވީހައި ބޮޑު އަނިޔާއެއް އޭނާއަށް ދިނުމަށް ކަމަށެވެ. ޓެރަރިޒަމްގެ ދައުވާ އޭނާގެ މައްޗަށް އުފުލީ ވީހައި ބޮޑު އަނިޔާއެއް ދިނުމަށް ކަމަށެވެ.
ޤާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ ޓެރަރިޒަމްގެ އަމަލުތައް ކަމަށް ބެލެވޭނެ އަމަލުތައް މިހާރުގެ ޤާނޫނުލްއުޤޫބާތުގައި ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވީނަމަވެސް ސަރުކާރުން ދައުވާތައް އުފުލަމުން ގެންދަނީ ޤާނޫނުލްޢުޤޫބާތުގައި އޮތް ގޮތަށް ނޫން ކަމަށެވެ.