ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް ގެއްލުމަކީ އިސްލާމީ ޝަރީއަތުގަ ހިމެނޭ 5 ޟަރޫރީ މައްސަލައިގެ ތެރޭގަ ހިމެނޭ ކަމެއް ނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެއްޖެއެވެ.
ޑރ. ޢަބްދުލްމަޖީދު މިކަން ބަޔާންކޮށްދެއްވީ އިދިކޮޅު ފަރާތްތަކުން މިރޭ އއ ރަސްދޫގައި ބޭއްވި ޖަލްސާގައެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވީ މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލުމަކީ ޟުރޫރީ ޙާލަތެއް ސަރުކާރަށް ކުރިމަތިވާ މައްސަލައެއް ނޫން ކަމަށާއި އަދި ރާއްޖެ ފަދަ ރިސޔާސީ ނިޒާމަކަށް ވެރިކަންކުރާ ޤައުމެއްގައި ސަރުކާރު ވެއްޓޭ ސަބަބެއްވެސް ނޫން ކަމަށެވެ.
ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ މިއުޞޫލުތަކުން ބެލިނަމަވެސް މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް ގެއްލުމަކީ ސަރުކާރަށް ބިރަކަށް ވާންޖެހޭ ކަމެއް ވެސް ނޫން ކަމަށެވެ.
"ޟަރޫރީ ޙާލަތު ގައި ކަންކަން ކުރަން 5 މަޤްޞަދެއް ވަނީ ކަނޑައަޅުއްވާފަ. އެއީ މީސްތަކުންގެ ފުރާނަ ސަލާމަތްކުރުމާ ދީން ހމާޔަތްކުރުމާ، ރައްޔިތުންގެ މުދަލާއި ފައިސާ ހިމާޔަތްކުރުމާ، ރައްޔިތުންގެ ބުއްދި ހިމާޔަތްކުރުމާ ރައްޔިތުންގެ އަބުރާ އިއްޒަތް އަދި ނަސްލު ހިމާޔަތްކުރުން."
ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ މިއިން ކަމެއް ކުރިމަތިވެއްޖެނަމަ ޝަރީއަތުގައި ކުރުން ހުއްދަ ނޫން ކަމެއް ޥޟަރޫރަތަކަށްޓަކައި ކުރުން ހުއްދަ ކަމަށެވެ.
އެކަމުގެ މުސާލު ދައްކަވަމުން ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ މީހަކު ނަމާދަށް ހުއްޓައި މީހަކު މޫދަށްވެއްޓޭތަން ފެނިއްޖެނަމަ ނަމާދު ދޫކޮށްލާފައިވެސް ގޮސް އެމީހަކު ސަލާމަތްކުރަން ޖެހޭ ކަމަށެވެ. ހމަ އެފަދައިން މީހާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މާތްﷲ ޙަރާމްކުރައްވަވާފައިވާ މުޅަތަކެތީގެ ބޭނުން ހިފިދާނެ ކަމަށެވެ.