ފްލެޓް ލިސްޓް ސިއްރުކުރީ އިސްލާމް ދީން މަތިވެރިކުރަންތަ؟: އެވިލާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ފްލެޓް ލިސްޓް ސިއްރުކުރީ އިސްލާމް ދީން މަތިވެރިކުރަންތަ؟: އެވިލާ
ސަރުކާރުން އެންމެފަހުން ފްލެޓް ދޫކުރި ލިސްޓް ސިއްރުކުރީ އިސްލާމް ދީން މަތިވެރިކުރަންތޯ އާއި ރައްޔިތުންގެ މެދުގައި އިންސާފުވެރިކަމާއި ހަމަހަމަކަމާއިއެކު ކުރަންޖެހޭ ކަންކަން ސިއްރު ކުރަން އިސްލާމް ދީނުގައި އަންގަވާފައިވާނަމަ އެފަދަ އެންގެވުމެއް އަންގަވައި ދެއްވިދާނެތޯ ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން (އެވިލާ) ސުވާލު ކުރައްވައިފިއެވެ.

އިބްރާހީމް ޙަސަން މިމޭރުމުން ސުވާލު ކުރެއްވީ މިސަރުކާރަކީ އިސްލާމް ދީން މަތިވެރިކުރާނެ ސަރުކާރެއް ކަމަށާއި މިސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީވެސް އިސްލާމް ދީން މަތިވެރިކުރުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވުމާއި ގުޅިގެންނެވެ.

އިބްރާހީމް ޙަސަން ވިދާޅުވީ ބޭރުން ދީފާނެ ހަމަލާއެއްގެ މައުލޫމާތު، ނުަވަތަ ހަނގުރާމައިގެ ސިއްރުތައް ފިޔަވައި އިސްލާމް ދީނުގައި ރައްޔިތުންނަށް ސިއްރުކުރަންޖެހޭނެ ކަމެއް އޮންނަކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. "މުޖުތަމައުގެ ސަލާމަތަށް ނުރައްކައުތެރިވެދާނެ ކަމެއްގައި ނޫނީ މުސްލިމް ސަރުކާރަކުން ރައްޔިތުންނަށް ސިއްރުކުރަން ޖެހެންވީ އެއްވެސް ކަމެއް އޮންނަކަން އަޅުގަނޑަށް އެނގިފައެއް ނެތް. ދެން ޑރ. މުޢިއްޒު ފަދަ ޢިލްމީ ބޭފުޅުން ވިދާޅުވެދެއްވީމަ ނޫންތޯ އެނގޭނީ."

އިބްރާހީމް ޙަސަން ވިދާޅުވީ ފްލެޓް ދިން މީހުންނާއި ފްލެޓް ދިނުމުގައި އަމަލުކުރި ގޮތުގެ މައުލޫމާތު ސިއްރުކުރުމަކީ އޭނާ ޤަބޫލުފުޅު ކުރައްވާ ގޮތުގައި އެކަމުގައި ރައްޔިތުންނަށް މަކަރުހަދައި އަދި ހެދި މަކަރު ފޮރުވަން ކުރި ކަމެއް ކަމުގައެވެ. އަދި މަކަރުވެރި އަމަލުތައް ކުރަމުން އިސްލާމް ދީން މަތިވެރިކުރުމުގެ ވާހަކަތައް ދެއްކުމަކީ އިސްލާމް ދީނަށް ކަނޑައެޅިގެން ފުރައްސާރަކުރުން ކަމަށް އޭނާ ޤަބޫލުފުޅު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު އޮންލައިން