"އަހަރެން ކަލާދެކެ އިންތިހާއަށް ލޯބިވަމެވެ. ނަމަވެސް އަހަރެން ކަލާއާއިއެކު އެކަހެރިއެއް ނުވާނަމެވެ. ރެސްޓޯރަންޓަކަށް ކާންވެސް ނުދާނަމެވެ. އެކުގަ ކާރުދުއްވާލަން ވެސް ނުދާނަމެވެ. ކަލާ އަހަރެން ބޭނުންނަމަ ކައިވެނިކުރާށެވެ. ރަންކިޔަން މިވަގުތު ވެސް މިހުރީ ތައްޔާރަށެވެ."
މިއީ ހަަމަ ވަރަށްފަހުން ވަރަށް ފަޤީރު އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއަށް ދިން ޖަވާބެކެވެ. އޭނާގެ ލޯބިވެރިޔާއަކީ ކާކު ކަމަށް ހެއްޔެވެ؟ އެއީ މިލިއަނަރެކެވެ. އެހެންކަމާއިއެކުވެސް އަންހެން ކުއްޖާ އެވަނީ މާތްﷲ އެންގެވި ގޮތް އިސްކޮށްފައެވެ.
ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ އެންމެ 3،2 ދުވަހުގެ ތެރޭގައި ވަނީ ކައިވެނިކޮށްފައެވެ. ކައިވެނިކުރުމުގެ ބާރަކަށްވީ ކޮން ކަމެއް ހެއްޔެވެ؟ އަންހެން ކުއްޖާގެ ކިބައިގައި ތަޤްވާވެރިކަން ހުރި މިންވަރު ލޯބިވެރިޔާއަށް ވަޒަން ކުރެވުމެވެ.
ދެން އޮތީ މިފަދައިން ބުނުމުން ރުޅި އިސްކޮށް ގުޅުން ކަނޑައިލުމެވެ. އެގޮތަށް މެދުވެރިވުމަކީ ނަޞީބު ކަމަށް ދެކޭށެވެ. އެހިސާބުން ޔަޤީން އެކުރެވުނީ ލޯބިވެރިޔާއަކީ މާތްﷲ އަށް ބިރުވެތިވާ މީހެއް ނޫން ކަމެވެ. އެފަދަ މީހަކާއިއެކު ދިރިއުޅުމެއް އާރާސްތުކުރަން އުޅުންވެސް ވާނީ ދިރިހުރެ އަލިފާންގަނޑެއްގެ ތެރެއަށް ފުންމާލުން ފަދަ ކަމަކަށެވެ.
ލޯބީގައި ފެއިލްވާ މިންވަރު އިތުރުވަމުންދާކަން ހިސާބުތަކުން ދައްކައެވެ. ލޯބީގައި ފޭލްވުމުން މާތްﷲގެ މަތިން ހަނދާންވެސް ކުރެއެވެ. ދުޢާ ވެސް ކުރެއެވެ.
ހަމަ ކުޑަކުޑަ ސުވާލެކެވެ. ލޯބީގެ ރަންދުނިޔޭގައި އުދުހުނުއިރު އެއްވެސް ވަރަކަށް މާތްﷲގެ މަތިން ހަނދާންކުރިންހެއްޔެވެ؟ މާތްﷲ ބާވައިލައްވައިފައިވާ ލޯބީގެ އިންތައް މަތިން ހަނދާންކުރިން ހެއްޔެވެ؟ ނޫނީ ވަރަލާފައި ހަމަ އުދުހުނީ ހެއްޔެވެ؟ ގިނަ މީހުންނަށް އޮންނަނީ އުދުހެވިފައެވެ.
އުދުހެވުމުގެ ތެރޭގައި އޮންނަނީ މާތްﷲ ޙަރާމް ކުރެއްވެވި ހުރިހާ ކަމެއް ކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން ކައިވެންޏަކާއި ނުލައި ބަލިވެ އިންނަންޖެހެނީ ކިތައް އަންހެނުންނަށް ހެއްޔެވެ؟
މިހާލަތުން ސަލާމަތްވުމަށް އެދޭ މީހާ ވިސްނައިލަންވީ ހަމަ އެންމެ ކަމަކަށެވެ. ތިބާ ދެކެ މާތްﷲ ލޯބިވެވޮޑިގަންނަވާފަދައިން ހަމަ އެކަކުވެސް ތިބާ ދެކެ ލޯބި ނުވާނެކަމެވެ. އެކަން ހިތުގެ އަޑިން ޤަބޫލުކުރާ ހަމައެކަކުވެސް ލޯބިވެރިޔާ އާއިއެކު އިސްލާމް ދީން ހުއްދަ ނުކުރާ އެއްވެސް ގުޅުމެއް ނުބާއްވާނެއެވެ. މީހަކު ދެކެ ކިތަންމެ ވަރަކަށް ލޯބިވީނަމަވެސް ގުޅުންތައް ބާއްވާނީ އިސްލާމް ދީނުގެ އިންތަކުގެ ތެރޭގައެވެ. އަަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ތިމާ ދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވަނީ މާތްﷲ ކަމެވެ. އަމަލުތައް ބަހައްޓަންޖެހޭނީ މާތްﷲ އެންގެވި ގޮތުގައި ކަމެވެ. ބުއްދިވެރިންނަކީ އެގޮތަށް ވިސްނައި އަމަލުކުރާ މީހުންނެވެ.
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން