އެމްޑީޕީއިން އޮޑިޓް ރިޕޯޓް ހުށަހެޅުމުން އެ ޕާޓީއަށް ފައިސާދޭން އީސީއިން ނިންމައިފި
އެމްޑީޕީއިން އެ ޕާޓީގެ އޮޑިޓް ރިޕޯޓް ހުށަހަޅައިފިކަމަށާއި އެ ޕާޓީއަށް ފައިސާ ދޫކުރުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ އެމްޑީޕީގެ އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާކަމަށާއި ޤާނޫނުގެ ދަށުން އެމްޑީޕީއަށް ފައިސާ ދިނުމަށް މި ހަފުތާގެ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެކަމަށެވެ.
މި ހަފުތާގެ ތެރޭގައި އެމްޑީޕީއަށް ފައިސާ ދޫކުރުމަށް ނިންމާފައިވާއިރު، 10000 މެންބަރުން ހިމެނޭ އެހެން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް މިދިޔަ ހަފުތާގައި ވަނީ ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފައެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގައިވާ ގޮތުން، 10000 މެންބަރުން ހަމަވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ބަންދު ދުވަސްތައް ނުލާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ޖެހެއެވެ. އަދި ފައިސާ ދޫކުރުން ހަމަޖެހިފައިވަނީ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅާ ޕާޓީތަކަށެވެ.
ރާއްޖޭގައި ހަ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރެއިން 10000 މެންބަރުން ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއެއްގައެވެ. އެއީ އެމްޑީޕީގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި އެމްޑީއޭގައެވެ. 10000 މެންބަރުން ހަމަނުވަނީ އަދާލަތު ޕާޓީގައާއި ޑީއާރުޕީގައެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގައި ތިބި މެންބަރުންގެ އަދަދަށް ބަލައި ކޮންމެ މެންބަރަކަށް 251.58 ރުފިޔާގެ މަގުންނެވެ.