ސެންޓާރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ތައުލީމު ހާސިލު ކުރަމުންގެންދާ އަންހެން ދަރިވަރަކު، އަމިއްލައަށް މަރުވާން ވެގެން މޫދަށް ފުންމާލުމުން ސަލާމަތް ކޮށްފިއެވެ.
މަންޒަރު ދުށް މީހަކު މައުލޫމާތު ދިން ގޮތުގައި މިއަދު މެންދުރު 12:00 ޖަހާކަން ހާއިރު އެކުއްޖާ ގޮސް ފުންމާލާފައިވަނީ މަސްމާރުކޭޓުގެ މަސް ދޯނިތައް އަޅާފައި އޮންނަ ދިމާލުންނެވެ.
އޭނާ ފުންމާލުމުން ހަމަ އެވަގުތު އެސަރަޙައްދުގައި ތިބި މީހުން އެކުއްޖާ ނެގި ކަމަށާއި އެކުއްޖާ ނެގިއިރު އޮތީ ހޭނެތިފައި ކަމަށް ބެލެވޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އެކުއްޖާ މޫދަށް ފުންމާލިއިރު ހުރީ ސީއެޗްއެސްއީ ޔުނީފޯމްގައި ކަން، ދައުރުވަމުންދާ ފޮޓޯތަކުން ހާމަވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދީފައިވާ ގޮތުގައި އެކުއްޖާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އެބަދެއެވެ.
އޭނާގެ ހާލު ސީރިއަސް ނޫން ކަމުގައި ވެސް މައުލޫމާތު ލިބިފައިވެއެވެ.