މެސީގެ ހެޓްރިކާއެކު ޑިޕޯޓިވޯ ބަލިކޮށް ބާސާއިން ލީގު ޔަޤީންކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 24ސ
މެސީގެ ހެޓްރިކާއެކު ޑިޕޯޓިވޯ ބަލިކޮށް ބާސާއިން ލީގު ޔަޤީންކޮށްފި


ސްޕެނިޝް ލީގުގައި ބާސެލޯނާގެ ތަރި ލެއޮނަލް މެސީގެ ހެޓްރިކާއެކު ޑިޕޯޓިވޯ ބަލިކޮށް، ބާސެލޯނާއިން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.

ސްޕެނިޝް ލީގުގައި ބާކީ ހަަތަރު މެޗު ނުކުޅެ އޮއްވައި ބާސެލޯނާއިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ، ދެން ކުޅޭ މެޗުތަކަށް ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، އެއްވެސް ޓީމަކަށް ބާސާއަށް އަަރައި ހަމަނުކުރެވޭނެތީއެވެ. ލީގުގެ އެއްވަނައިގައި ބާސާ އޮތީ ކުޅުނު 34 މެޗުން 86 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 34 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ. ތިންވަނައިގައި ރެއާލް މެޑްރިޑް އޮތީ ކުޅުނު 34 މެޗުން 71 ޕޮއިންޓް ލިބިގެންނެވެ.

ޑިޕޯޓިވޯގެ ދަނޑުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ 2-4 ގެ ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން މެޗުގެ 7 ވަނަ މިނެޓުގައި ބާސެލޯނާގެ ފިލިޕޭ ކުޓީނިއޯ ވަނީ ލަނޑެއް ޖަހައި ބާސާއަށް މެޗުގެ ލީޑު ނަގައިދީފައެެވެ. މެޗުގެ 37 ވަނަ މިނެޓުގައި ބާސާގެ ތަރި މެސީގެ ލަނޑުން ލީޑު ފުޅާކުރި ނަމަވެސް އޭގެ ދެ މިނެޓު ފަހުން ޑިޕޯޓިވޯގެ ލޫކަސް ޕެރޭޒު ވަނީ ލަނޑެއް ޖަހައި ބާސާގެ ލީޑު ހަނިކޮށްފައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ޑިޕޯޓިވޯގެ އެމްރޭ ކޮލަޗު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އެހެން ނަމަވެސް މެޗުގެ 81 ވަނަ މިނެޓުގައި މެސީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު އަލުން ހޯދައިދިނެވެ. މެޗުގެ 84 ވަނަ މިނެޓުގައި މެސީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ބާސާއަށް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްދިނެވެ.

ރޭގެ މެޗުން ކާމިޔާބުކުރި ހެޓްރިކާއެކު، މެސީ ވަނީ ޔޫރަޕްގެ ރަން ބޫޓު ރޭހުގައި ކުރިއަށް ޖެހިލައިފައެވެ. ސްޕެނިޝް ލީގުގައި މެސީ ވަނީ މިހާތަނަށް 32 ލަނޑު ކާމިޔާބުކޮށްފައެވެ. މެސީއާ ގާތުން ވާދަކުރާ އިނގިރޭސި ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އުޅޭ ލިވަޕޫލްގެ މުހައްމަދު ސަލާހު ކާމިޔާބުކޮށްފައިވަނީ މިހާތަަނަށް 31 ލަނޑެވެ.

އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން ބާސެލޯނާއިން ލީގު ކާމިޔާބުކުރިއިރު، މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބާސެލޯނާ ބަލިވެފައެއް ނެތެވެ. ބާސާއިން މިހާތަނަށް ލީގުގައި ބަލިނުވެ 41 މެޗު ފުރިހަމަކޮށްފައިވާއިރު، ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަކުރި ޓީމުގެ ރެކޯޑު ބާސާއިން ވަނީ މުގުރާލައިފައެވެ.

އޭގެ އިތުރުން، މި ފަހަރުގެ ލީގު ބާސާއިން އެއްވެސް މެޗަކުން ބަލިނުވެ ނިންމާލަައިފިނަމަ، ބާސާ ވެގެންދާނީ 1932 ވަނަ އަހަރަށް ފަހުގައި ލީގު އެއްވެސް މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. 1932 ވަނަ އަހަރުގެ ސީޒަންގައި ބާސެލޯނާގެ ވާދަވެރި ރެއާލް މެޑްރިޑް ވަނީ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކޮށްފައެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ ދެން ކުޅޭ މެޗުގައި ނުކުންނަން ޖެހޭނީ ވެސް ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ. މިއީ ބާސެލޯނާގެ ތަރި އަންދްރެސް އިނިއެސްޓާ ކުޅޭނެ ފަހު އެލްކްލާސިކޯ މެޗެވެ. މި ސީޒަން ނިމުމާއެކު ބާސެލޯނާ ދޫކޮށްލުމަށް އިނިއެސްޓާ ވަނީ ނިންމައިފައެވެ.

ބާސެލޯނާއިން މި ސީޒަންގައި ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކުރިއިރު، ޗެމްޕިއަންސް ލީގުން އެ ޓީމު ކަޓައިގެން ދިޔައީ ކުއާޓާ ފައިނަލްގައި އިޓަލީގެ ރޯމާ އަތުން ބަލިވެގެންނެވެ.
މިއަދު އޮންލައިން