މޯލްޑިވްސް ޕޮލިސް ސަރވިސްގެ މީޑިއާ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުން މީޑިއާގެ އެކި ވަސީލަތްތަކަށް އަހުލުވެރިކުރުވުމުގެ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އިން ފަށައިފިއެވެ.
އިއްެޔެއިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި، ޕޮލިސް މީޑިއާ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ޓްރެފިކް މެނޭޖްމަންޓް އަދި ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 12 މުވައްޒަފުން ބައިވެރިވެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޕޮލިސް މީޑިއާ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މަސައްކަތްތަކަށް އަހުލުވެރި، ކަމާގުޅުންހުރި ތަމްރީނުތައް ލިބިފައިވާ އަދި މިޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރުމުގެ ޤާބިލްކަން ލިބިފައިވާ ބަޔަކަށް ހެދުމުގެ ގޮތުން ޕޮލިސް މީޑިއާ ސެންޓަރުގެ އެދުމުގެ މަތިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
މީޑިއާ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅުން ސެޝަންތައް ނަގައިދިނުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމުގައި ނޫސްވެރިކަމާއި، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީއާއި ގުޅޭ އަސާސީ މަޢުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މީޑިއާތަކަށް މަޢުލޫމާތުދޭއިރު ވިސްނަންޖެހޭނެ ކަންތައްތަކާއި މުއާސަލާތުކުރުމަށް ބޭނުންކުރާނެ ތަފާތު ކޮމިއުނިކޭޝަން ސްކިލްސްތައް ބައިވެރިންނަށް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.
ޙަބަރު ޕޮލިސް