ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހަދައި ނިންމައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުން ދިޔަ މަގުތަކުގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްއާއި އަޝޯކާ ބިލްޑްކޮން ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކާ 2015 ވަނަ އަހަރުގެ އޮކްޓޯބަރުގެ މަހުގެ ތެރޭގައި އެ މަސައްކަތްކުރުމަށް ހަވާލުކުރީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެހެން ނަމަވެސް އެ މަގުތަކުގެ މަސައްކަތް ނިމިފައި މިވަނީ ހަދައި ނިންމުމަށް ކަނޑައެޅި ތާރީޚަށްވުރެ އަހަރެއްހާ ދުވަސް ފަހުންނެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 40.3 މިލިއަން ޑޮލަރަށެވެ.
އެޗްޑީސީއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އެ މަގުތައް ބޭނުންކުރެވޭ ފެންވަރަށް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރަމުން ދަނީ އެ މަގުތަކުގައި ނިޝާން ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ނުނިމި ލަސްވަމުން ދިޔައީ އެ މަޝްރޫއަށް ބޭނުންވާ ލޯނު ހަމަޖައްސަން ވަގުތު ހޭދަވުމުންކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ސަރުކާރުން 246 ހެކްޓަރުގެ ބިމުގެ ސަރަހައްދެއް ހިއްކާފައިވާއިރު، ދެވަނަ ދިޔަވަހީގައި މީހުން ދިރިއުޅުމަށް 62 ޓަވަރު އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.