ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ފެށުމުން 20 މިލިއަނުން ތަރައްޤީކުރާ ރިޒޯޓު 16 މިލިއަނުން ތަރައްޤީކުރެވޭނެ: ސަޢީދު
ރާއްޖެ އާއި ޗައިނާގެ މެދުގައި މިހާރުު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ފެށުމުން 20 މިލިއަން ޑޮލަރުން މިހާރު ތަރައްޤީކުރާ ރިޒޯޓު ތަރައްޤީކުރަން 4 މިލިއަން ޑޮލަރުގެ ޑިސްކައުންޓެއް ލިބި 16 މިލިއަނުން ތަރައްޤީކުރެވޭނެ ކަމަށާއި އަދި މިހާރު 10 ލައްކަ (1 މިލިއަން) ޑޮލަރުން ތަރައްޤީކުރެވޭ ގެސްޓް ހައުސް އަށް 2 ލައްކަ ޑޮލަރުގެ ޑިސްކައުންޓެއް ލިބި 8 ލައްކަ ޑޮލަރުން ތަރައްޤީކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މާކެޓިންގ އަދި ޕީއާރު ކުންފުންޏެއް ކަަމަށްވާ މޯލްޑިވްސް ގެޓްއަވޭސް އިން އިންތިޒާމުކޮށްގެން މިއަދު ބަނޑޮހުގައި ބޭއްވި "ހޮޓެލިއަރ ސަމިޓް ޓީޓީޖީ 2018" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ފްރީޓްރޭޑް އެއްބަސްވުމަށް މިއަހަރުތެރޭ އަމަލުކުރަން ފެށޭނެ ކަމަށާއި އަމަލުކުރަން ފެށުމާއިއެކު ރާއްޖެއަށް ޗައިނާއިން އެތެރެކުރާ ބާވަތްތަކުގެ ތެރެއިން 95 އިންސައްތަ ބާވަތްތަކުގެ ޑިޔުޓީ އެކުގައި ކަނޑައިލެވޭނެ ކަމަށެވެ. އެގޮތަށް ޑިޔުޓީ ކަނޑައިލެވުމާއިއެކު މުދަލުގެ އަގުތައް ތިރިވެ އިންވެސްޓަރުންނަށް ޑިސްކައުންޓްތައް ލިބެން ފަށާނެ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައި ފުޅައުވެގެންދާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ދިރާސާ ހިސާބުތައް ދައްކާގޮތުން ފަތުރުވެރިކަން އެންމެ ބާރަށް ކުރިއަރައިގެންދާނީ ނުވަތަ އެންމެ ގިނަ ބައަކު ޒިޔާރަތްކުރާނީ އެފްރިކާއަށް ކަމަށެވެ. އެހެންކަމުން އިރުމަތިން އެފްރިކާއަށް ދާ ފަތުރުވެރިންނަށް ރާއްޖެއަކީ މަޤްބޫލު މަންޒިލަކަށްވެ ރާއްޖޭގެ ފަތުރުވެރިކަން އެތައް ގުނައަކަށް އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ހުޅުލޭގައި ތަރައްޤީކުރަން ހަމަޖެހިފައިވާ އެއާކާގޯ ކޮމްޕްލެކްސް ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. "ނަތީޖާއަކަށްވާނީ ހުޅުމާލެއާ ހުޅުލެ ކާގޯ ބްރިޖަކުން ގުޅައިލެވުން. އެއިރުން ރިޒޯޓުތަކަށް ބޭނުންވާ ހުރިހާ ބާވަތްތަކެއް ހުޅުމާލެއިން ފަސޭހަކަމާއިއެކު ލިބޭނެ. ބޭރަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައްވެސް ހުޅުމާލެ އާއި ހަމައިން އެކްސްޕޯޓްކުރެވެން ފެށޭނެ." ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމާއިއެކު ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ "ޓްރެވަލް ޓްރެވަލް ޓްރޭޑް ފެއަރ" ވަނީ ފަށައިފައެވެ.