ކާބުލްގައި ދިން ބޮމުގެ ހަމަލާތަކެއްގައި ހަތަރު ނޫސްވެރިންނާއެކު 21 މަރު

ކިޔުމަށް ހޭދަވާނީ 1މ
ކާބުލްގައި ދިން ބޮމުގެ ހަމަލާތަކެއްގައި ހަތަރު ނޫސްވެރިންނާއެކު 21 މަރު


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މިއަދު ދިން ޖާނުން ފިދާވުމުގެ ބޮމުގެ ދެ ހަމަލާއެއްގައި 21 މީހުން މަރާލާފައިވާކަމަށް އެ ޤައުމުގެ ހެލްތު އޮފިޝަލުން ބުނެފިއެވެ.

އަފްޣާނިސްތާނުގެ ހެލްތު އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ޖާނުން ފިދާވުމުގެ އެ ދެ ހަމަލާގައި މަރުވި 21 މީހުންގެ ތެރޭގައި ހަތަރު ނޫސްވެރިން ހިމެނެއެވެ. އޭގެ ތެރޭގައި އޭއެފްޕީގެ ޗީފް ފޮޓޯގްރާފަރު ޝާހު މަރާއީއާއި ލޯކަލް ޓީވީ ސްޓޭޝަނެއްގެ ކެމެރާމަނެއް ވެސް ހިމެނޭކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އޭގެ އިތުރުން، މި ހަމަލާތަކުގައި 27 މީހަކު ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

އަފުޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ފުރަތަމަ ހަމަލާ ދީފައިވަނީ އަފްޣާނިސްތާނުގެ އެންމެ ބޮޑު ޖާސޫސީ އިދާރާކަމަށްވާ ނޭޝަނަލް ޑައިރެކްޓަރޭޓް އޮފް ސެކިއުރިޓީއާ ކައިރިއަށެވެ. އަދި ދެވަނަ ހަމަލާ ދީފައިވަނީ އެ ސަރަހައްދަށް އިމަޖެންސީ މެޑިކަލް ޓީމުތަކާއި ނޫސްވެރިން އެ ސަރަހައްދަށް ޖަމާވިތަނާ އެ މީހުންނާ އަމާޒުކޮށްގެންކަމަށް އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

މި ބޮމުގެ ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލައިފައެއް ނުވެއެވެ.




މިއަދު އޮންލައިން