ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަބުރުފުޅަށް ހުތުރުވާފަދަ ކޮންޓެއްޓެއް ބްރޯޑްކާސްޓްކުރުމުގެ ތުހުމަތުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ސަންގު ޓީވީ ޖޫރިމަނާކުރި 100000 ރުފިޔާ އެ ކޮމިޝަނަށް ދައްކައިފިއެވެ.
ސަންގު ޓީވީން ހާމަކުރި ގޮތުގައި، ޖޫރިމަނާ ފައިސާ ހަވާލުކުރުމަށް ބްރޯޑްކޮމަށް ދިޔައީ މިއަދު ހެނދުނު 9:30 ގައި ކަމަށާއި ފައިސާ ގުނައި ނިމުނީ މެންދުރު 12:15 ހާއިރު ކަމަށެވެ. ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ ބްރޯޑްކޮމަށް ފައިސާ ދެއްކުމަށް އައިއިރު އެ ފައިސާ ގުނާނެ މެޝިނެއް އެ ކޮމިޝަނުގައި ނެތްކަމަށާއި އެންމެ ފަހުން ފައިސާ ގުނީ ސަންގު ޓީވީއިން ފައިސާ ގުނުމަށް ބޭނުންކުރާ މެޝިން ގެންގޮސްގެން ކަމަށެވެ.
ސަންގު ޓީވީގެ ޖޫރިމަނާ ދެއްކުމަށް އެ ޓީވީ ސްޓޭޝަނުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި "ފައިސާ ޖާޑި" ގެ ނަމުގައި ފަންޑުފޮށި ބެހެއްޓިއެވެ. އެ ގޮތުން، ޖޫރިމަނާ ދެއްކުމަށް 100000 ރުފިޔާ ހޯދާފައިވަނީ އެ ފަންޑުފޮށިތަކަށް މީހުން ހަދިޔާކުރި ފައިސާއިންކަމަށް އެ ސްޓޭޝަނުން ބުންޏެވެ. އަދި އެ ފަންޑުފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވާކަމަށް ސަންގު ޓީވީއިން ބުންޏެވެ.
ބްރޯޑްކޮމްއިން ކުރިން ހާމަކުރި ގޮތުގައި، ސަންގު ޓީވީ ޖޫރިމަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ރޭ ސަންގު ޓީވީއިން ލައިވްކުރަމުން ދިޔަ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްޠަފާ ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާގޮތަށް ހަޑި ހުތުރު ބަސް ބޭނުންކޮށްގެން ވާހަކަދެއްކެވި ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައިވާތީކަމަށެވެ. އެހެންވުމުން، ސަންގު ޓީވީއިން އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފު ކޮންޓެންޓެއް އެ ކޮމިޝަނަށް ސާބިތުވެފައިވާކަމަށް ކަނޑައަޅާފައިވާތީކަމަށެވެ.
އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ބްރޯޑްކޮމްއިން ވަނީ މިހާތަނަށް ރާއްޖެ ޓީވީ ތިން ފަހަރު، ވީމީޑިއާ އެއް ފަހަރު، އަދި ސަންގު ޓީވީ އެއް ފަހަރު ޖޫރިމަނާކޮށްފައެވެ.
Jaadiegge Faisaa @broadcomMV aa SanguTV in havaalukoffi. Faisaa havaalukuran dhiyaee hendhunu 0930 ga, faisaa gunaa nimuny 1215 ga! #FaisaaJaadi ah eheetherikan foarukohdhevvi hurihaa rayyithunnah shukuriyya