ރާއްޖޭގެ ގިނަ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ ބިލްތައް އޮންލައިންކޮށް ދެއްކޭނެ ސޮފްޓްވެއާއެއް ތައާރަފުކޮށްފިއެވެ.
ޝީ ބިލްޑިންގައި މިއަދު ބޭއްވި ހަފުލާއެއްގައި، އޮންލައިން ބިލިން ސޮފްޓްވެއާ ތައާރަފުކޮށްދެއްވީ، އެ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި މިހާރު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ.
ފެނަކައިން ބުނި ގޮތުގައި އެ ކުންފުނީގެ ހުރިހާ ބްރާންޗަކާއި ހެޑް އޮފީސް އެ ސޮފްްޓްވެއާއިން އެއް ވިއުގައަކުން ގުޅާފައިވާކަމަށެވެ. އަދި އާ އޮންލައިން ބިލިން ސޮފްޓްވެއާގައި ކަސްޓަމަރުންނަށް ޚާއްޞަ ޕޯޓަލްއަކާއި ބިލުގެ ތަފުސީލުތައް އޮންލައިން ކޮށް ބެލޭނެ ގޮތަކާއި ފައިސާ ދެއްކޭނެ ގޮތް ވެސް ހަމަޖައްސައިފައިވާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނަކީ ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސަރުކާރަށް 100 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.