އިންތިޚާބުތަކެއް ބާއްވަނީއެވެ ކިޔައިގެން އިދިކޮޅު ޕާޓީތައް ބިރުގަންނަވަން ނުއުޅުމަށާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފްގެ ޕާޓީން ނެރޭ ކެންޑިޑޭޓުން ފަސޭހަކަމާއިއެކު ބަލިކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޙުސައިން ވިދާޅުވީ 12 މެންބަރުންގެ ގޮނޑި ގެއްލުނުކަމަށް ކަނޑައަޅަންޖެހޭނީ ޤާނޫނީ ލަފާދޭ ވަކީލުން ނޫން ކަމަށާއި އެކަން ކަނޑައަޅަން ޖެހޭނީ ސްޕްރީމް ކޯޓުން ކަމަށެވެ.
ޑރ. ޙުސައިން ވިދާޅުވީ 12 މެންބަރުންގެ ގޮނޑި ގެއްލޭނެކަން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިހައިތަނަށް ކުރި އެއްވެސް ޙުކުމަކުން އެނގެން ނެތް ކަމަށާއި އެންމެފަހުން ސްޕްރީމް ކޯޓުން ކުރި އަމުރުގައި ވެސް ބުނެފައިވަނީ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި އެއްވެސް ފަރާތަކުން އިހަށް ގޮތެއް ނުނިންމައި މަޑު ޖައްސާލަން ކަމަށެވެ.
ޑރ. ޙުސައިން ވިދާޅުވީ ކަންކަން މިހައި ސާފުކޮށް އެނގެން އޮއްވައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުރި ޕީޕީއެމްގެ އެކްޓިވިސްޓް ޝަރީފު، އިލެކްޝަންސް ކޮމިޝަނުގެ ކަންކަމަށް އަތްބާނައި ކަންކަން ބަދަލުކުރަން އުޅުމުގެ ބަދަލުގައި ރަނގަޅުވާނީ އެކޮމިޝަނުގެ މެންބަރުންނަށް ކޮމިޝަނުގެ ކަންކަން ތަރުތީބުކުރަން ފުރުޞަތު ދީފައި ގޮސް ޕާޓީގެ އެކްޓިވިސްޓްކަން ކުރުން ކަމަށެވެ.