ކަނބަލުންނަށް އުފާވެރިކަން ނެތް މުޖުތަމައުއެއްގަ އުފާވެރިކަމެއް ނޯންނާނެ: އަޒްލީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކަނބަލުންނަށް އުފާވެރިކަން ނެތް މުޖުތަމައުއެއްގަ އުފާވެރިކަމެއް ނޯންނާނެ: އަޒްލީން
ކަނބަލުންނަށް އުފާވެރިކަން ނެތް މުޖުތަމައުއެއްގައި އުފާވެރިކަމެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

އަޒްލީން މިމޭރުމުން ވިދާޅުވީ ވިމަން އޮން ބޯޑްސް ގެ އަހަރީ އެވޯޑް ދިނުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އަޒްލީން ވިދާޅުވީ "ކަނބަލުން" މިބަހަކީ ދިވެހި ބަހުގައި އަލަށް އުފެދުނު ބަހެއް ނޫންކަމަށާއި އަބަދުވެސް އޮތް ބަހެއް ކަމަށެވެ. ނަމަވެސް ކަނބަލުންގެ ވާހަކަ މިހައިވަރަށް ދެކެވި މިވަރަށް ދިވެހި މުޖުތަމައުގައި ދިރިގެން މިއައީ އެކަމަށް ރައީސް ޢަބްދުﷲ ޔާމީން ކުރެއްވެވި މަސައްކަތްޕުޅުތަކުންނާއި މަހާރަނި ފާޠީމަތު އިބްރާހީމް މުޖުތަމައުއަށް ދައްކަވަމުން ގެންދަވާ ނަމޫނާގެ ސަބަބުން ކަމަށެވެ.

އަޒްލީން ވިދާޅުވީ އަންހެނުން ކުރިއެރުވުމުގައި ރާއްޖެއަކީ ދުނިޔެއަށް ނަމޫނާ ދައްކާނެ ޤައުމެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކުގެ 40 އިންސައްތައަކީ އަންހެނުން ކަމަށް ހެދުމަށް ރައީސް ޢަބްދުﷲ ޔާމީން ނިންމަވާފައިވާ ނިންމެވުމަކީ ވަރަށް މުހިންމު ނިންމެވުމެއް ކަމަށެވެ.

އަޒްލީން ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަންހެން ބޭފުޅުން ގެންދަވަނީ ނަމޫނާ ދައްކަވަމުން ކަމަށާއި އެކަމަށް މަހާރަނި ފާޠިމަތު އިބްރާހީމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާ ކަމަށެވެ.

ރާއްޖޭގައި އިސްލާމީ ފިނޭންސް ކުރިއެރުވުމަށާއި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ދިވެހި ކަނބަލުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވަމުން އަޒްލީން ވިދާޅުވީ އެއީ ވަަރަށް ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ.

އަޒްލީން ވިދާޅުވީ އިސްލާމީ އުންމަތަށް ބަލާއިރު ވިޔަފާރިއާއި އިޤްޠިޞާދީ ދާއިރާއިން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަނބިކަނބަލުން ޚަދީޖަތުގެފާނު ކުރައްވަވާފައިވާ މަސައްކަތްޕުޅުތައް ވަނީ އިސްލާމީ އުންމަތަށް ނަމޫނާ ދައްކަވާފައި ކަމަށެވެ.
މިއަދު އޮންލައިން