ވިމަން އޮން ބޯޑްސް އިން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ފާޠިމަތު ޝީރީން ޢަބްދުﷲ އަށް އަރުވައިފިއެވެ. ޝީރީނަށް އެވޯޑް އެރުވީ ހޮޓެލް ޖެންގައި މިރޭ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައެވެ.
ޝީރީން އަކީ ސަރުކާރުގެ ތަފާތު މަޤާމުތަކުގައި 40 އަށްވުރެ ގިނަ އަހަރު ޚިދުމަތްކުރައްވާފައިވާ ބޭކަނބަލެކެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނުގައެވެ. މިހާރު ހުންނެވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުގައެވެ.
ޝީރީން އަކީ ބުރަކޮށް އޮފީހުގައި މަސައްކަތްކުރެއްވުމަށްފަހު ގޭގައި ހޭދަކުރައްވާ ވަގުތުގައިވެސް އެކަމަނާ އާއި ގުޅުންހުރި މަސައްކަތްތައް ފޫހިކަމެއް ނެތި ކުރައްވާ އަދި ބައްދަލުކުރަން ބޭނުންވާ އެންމެންނަށްވެސް ފުރުޞަތު ދެއްވައި ކަންކަމާއި މަޝްވަރާ ކުރައްވާ ބޭކަނބަލެކެވެ.
މިރޭގެ ރަސްމިއްޔާތުގައި ތަފާތު ދާއިރާތަކުން އިސް ސަފުގައި ޤައުމަށް ޚިދުމަތްކޮށްފައިވާ ގިނަ އަދަދެއްގެ ކަނބަލުންނަށް ވަނީ އެކަމުގެ އަގު ވަޒަންކޮށް އެވޯޑް ދީފައެވެ. އެންމެ ގިނަ އެވޯޑް ދީފައިވަނީ އިސްލާމީ ފިނޭންސްގެ ދާއިރާއިންނެވެ.
މިރޭގެ ރަސްމިއްޔާތުގައި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފިނޭންސްގެ ޗެއަރޕަރސަން އެސޯސިއޭޓް ޕްރޮފެސަރ ޑރ. ޢާއިޝަތު މުނީޒާ ވިދާޅުވީ ތަފާތު ދާއިރާތަކުން އިސް ވަޒީފާތައް އަދާކުރާ އަންހެނުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށާއި ނަމަވެސް އެވޯޑް ހޯދަން ކުރިމަތިލާ އަންހެނުންގެ އަދަދު މަދުކަން ފާހަގަކުރައްވާ ކަމަށެވެ.
ޑރ. މުނީޒާ ވިދާޅުވީ ކުރާ ޚިދުމަތް ރެކޯޑް ކުރެވެން ޖެހޭ ކަމަށާއި އެކަމަށް ކުރިމަތިލުމުގެ ޤާބިލުކަން ލިބިގަންނަން ޖެހޭ ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި އެވޯޑް ލިބުނު ފަރާތްތަކުގެ ތެރޭގައި ޕާކިސްތާނާއި މެލޭސިޔާގެ ބޭކަނބަލުން ވެސް ހިމެނެއެވެ.