ކަމަކަށް ބޭނުންވެގެން ﷲއަށް ދެންނެވުމުން ފުއްދަވައި ުދެއްވުން ލަސްވެގެން ޝަކުވާކުރާއިރުު ނުއެދެނީސް ދެއްވި ނިޢުމަތްތައް މަތިން ހަނދާންވޭތަ؟
ކަމަކަށް ބޭނުންވެގެން މާތްﷲ އަށް ދެންނެވުމުން ފުއްދަވައި ުދެއްވުން ލަސްވެގެން ތިބާ ކަންބޮޑުވެ ޝަކުވާކުރާއިރު ތިބާ ނުއެދެނީސް ތިބާއަށް މާތްﷲ ދެއްވަވާފައިވާ ނިޢުމަތްތައް މަތިން ހަނދާންވޭހެއްޔެވެ؟
މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން އެންމެ ރަނގަޅު ކަމެކެވެ. އަމިއްލަ ނަފުސާއިވެސް ކޮށްލަން ހަމަ އެންމެ ރަނގަޅު ސުވާލެކެވެ.
ހަމައެއާއިއެކު މާތްﷲގެ ޙަޟްރަތުން ކަންކަމަށް އެދޭއިރު ތިމާއަށް މާތް ﷲ އާއިމެދު ކަންކަން ކުރެވިފައިވަނީ ކިހިނަކުން ކަމާއިމެދު ވެސް އަމިއްލަ ނަފުސާއި ސުވާލުކޮށްލުން ރަނގަޅުވާނެއެވެ. މި ބުނަނީ މާތްﷲ ގެ އެންގެވުންތަކަށް އަމަލުކުރެވޭ މިންވަރުގެ ވާހަކައެވެ.
އިންސާނުން ކޮންމެ ގޮތަކަށް އަމަލުކުރަމުން ގެންދިއަ ނަމަވެސް މާތްﷲ އެގެންދަވަނީ ނިޢުމަތްތައް މިންވަރު ކުރައްވަވަމުންނެވެ. އެހެން ނޫންނަމަ މާތްﷲ އަށް އީމާން ނުވާ މީހުންނަށް ތިބެންޖެހުނީހީ އެއްވެސް ނިޢުމަތެއް ނުލިބި ނިޢުމަތްތަކުން މަޙްރޫމްވެގެން ނޫން ހެއްޔެވެ؟
މާތްﷲގެ ދީލަތިވަންތަކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ. ދުނިޔޭގެ އާބާދީ 6 ބިލިއަނަށްވުރެ އިތުރުވެފައިވާއިރު މުސްލިމުންގެ އަދަދު އަދިވެސް މިއުޅެނީ 2 ބިލިއަނަށް ނުއަރައިގެންނެވެ. ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ ޤައުމުތަކަކީ މުސްލިމް ޤައުމުތަކެއް ނޫނެވެ.
މިދުނިޔެ މިވަނީ އެމީހުންނަށް ދޫކޮށްލައްވަވައިފައެވެ. މިދުނިޔޭގައި މާތްﷲ ހިއްޕަވަނީ މަދު މީހެކެވެ. ނަމަވެސް އާޚިރަތް ދުވަހު ފެންނާނީ މުޅިން ތަފާތު ކަންތައްތަކެކެވެ. ހަމަ އެންމެންވެސް ހިއްޕަވާނެތެވެ. ސަލާމަތް ވެވޭނީ މާތްﷲގެ އަމުރުފުޅުތަކަށް ތަބައަވެ މިދުނިޔޭގައި އުޅުނު ބައަކު އެކަންޏެވެ.
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން