އެސްބީއައިއަށް މިދިޔަ އަހަރު ރާއްޖެއިން ކުރި ވިޔަފާރީގެ ފައިދާ ދަށްވެއްޖެ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް މިދިޔަ އަހަރު ރާއްޖެއިން ކުރި ވިޔަފާރީގެ ފައިދާ، އޭގެ ކުރީ އަަހަރަށްވުރެ ދަށްވެއްޖެއެވެ.
އެސްބީއައިއިން އިއްޔެ އާންމުކުރި އެ ބޭންކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާގޮތުން، ރާއްޖެއިން ކުރި ވިޔަފާރިން އެ ބޭންކަށް 334.2 ރުފިޔާގެ ފައިދާ ލިބިފައިވެއެވެ. މިއީ 2016 ވަނަ އަހަރަށްވުރެ 109.6 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. 2016 ވަނަ އަހަރުގައި އެ ބޭންކަށް ލިބިފައިވަނީ 443.8 މިލިއަން ރުފިޔާގެ ފައިދާއެކެެވެ.
އެސްބީއައިގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އިންޓަރެސްޓް އާމްދަނީގެ ގޮތުގައި އެ ބޭންކަށް 415.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި ލޯނުން އިންޓަރެސްޓާއި ފީގެ ގޮތުގައި ލިބުނު 327.1 މިލިއަން ރުފިޔާ ހިމެނެއެވެ.
އެސްބީއައިއިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި ދިވެހި ދައުލަަތަށް 100 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.
އެސްބީއައިން މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވި ނަމަވެސް، ރާއްޖޭގައި ހިންގާ ބޭރުގެ ބޭންކުތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ކޮންމެ އަހަރު ހޯދަނީ އެ ބޭންކުންނެވެ.
އެސްބީއައިއިން ރާއްޖޭގައި ހަތަރު ބްރާންޗެއް ހިންގައެވެ. އެއީ ކ.މާލެ ބްރާންޗާއި، ކ.ހުޅުމާލެ ބްރާންޗާއި، އދ.މާމިނގިލި ބްރާންޗާއި، ސ.ހިތަދޫ ބްރާންޗެވެ.